29 Jun 2016, 14:21
ސައުތުހެމްޓަންއަށް ކުޅެމުންއައި ސެނެގާލް ފޯވާޑް ސާޑިއޯ މާނޭ، 34 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް ޕްރިމިއާ ލީގު ކްލަބް ލިވަޕޫލަށް ސޮއިކޮށްފިއެވެ.
އުމުރުން 24 އަހަރުގެ މާނޭ ލިވަޕޫލާ ގުޅުނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭގެ ކުރިން އެ ކްލަބުން ވަނީ، ޖަރުމަނު ގޯލް ކީޕަރު ލޮރިސް ކަރިއަސްއާއި، ކެމަރޫން ޑިފެންޑަރު ޖޮއެލް މެޓިޕްވެސް އެ ކްލަބަށް ގެނެސްފައެވެ.
ރިޕޯޓްތައް ބުނާގޮތުން މާނޭގެ ފީ، 36 މިލިއަނަށް ބޮޑުކުރުން އެކަށީގެންވެއެވެ. އެހެން ވެއްޖެނަމަ، އެއީ ކްލަބް ރެކޯޑް ފީއަކަށް ވެގެންދާނެއެވެ. ލިވަޕޫލަށް އެންމެ ބޮޑު ފީއެއް ދީފައި ގެނައި ކުޅުންތެރިއަކީ 2011 ވަނަ އަހަރު އެ ކްލަބަށް 35 މިލިއަން ޕައުންޑްގެ ފީއަކަށް ގެނައި ފޯވާޑް އެންޑީ ކެރޯލްއެވެ.
އޮސްޓްރީއާގެ ސަލްޒްބާގުން 2014 ވަނަ އަހަރު ސައުތެމްޕްޓަންއާ ގުޅުނު ފޯވާޑް ވަނީ އެޓީމަށް ކުޅުނު 67 ޕްރިމިއަރ ލީގު މެޗުގައި ޖުމުލަ 21 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މާނޭ ބުނީ، ގިނަ ޓްރޮފީތަކެއް ކާމިޔާބުކޮށްފައިވާ، އަދި ފުޓްބޯޅައިގެ ބޮޑު ތާރީޚެއް އޮތް ކްލަބަކާ ގުޅެވުމުކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިއަދަކީ ބޮޑު ދުވަހެއް، އަދި އަހަރެން ވަރަށް އުފާކުރަން ޔޫރަޕްގެ އެންމެ ބޮޑު އެއް ކްލަބަށް ސޮއިކުރެވޭތީ،" ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މާނޭ ބުނެފައި ވެއެވެ.
ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ، މާނޭއަކީ 2012 ވަނަ އަހަރުން ފެށިގެން އޭނާ ފާރަލަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވުމާއެކު މާނޭ އެ ކްލަބަށް ގެނައުމުގެ މަޝްވަރާތައް ކްލަބުގެ ސްޓާފުންނާ ކޮށްފައި ވާނޭ ކަމަށެވެ.
މާނޭ މިހާރު ވެގެން ގޮސްފައިވަނީ، އެފްރިކާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ކުރިން އެފްރިކާގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރީ، 2015 ވަނަ އަހަރު ސުވަންސީ ސިޓީން 28 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއާ ގުޅުނު ވިލްފްރެޑް ބޯނީއެވެ.