29 Jun 2016, 13:34
އީވޯޓިންގައި ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ ފުޅާދާއިރާއެއްގައި ޕާޓީގެ އެތެރޭގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށް އެމްޑީޕީން ބުނެފި އެވެ.
އީވޯޓިންއާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ އެކު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބުވެފައި ތިބި އެމްޑީޕީ ކައުންސިލަރުންނާ ވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ބައްދަލުވުމުން ލިބުނު މައުލޫމާތުގެ އަލީގައި އިތުރަށް ފުޅާދާއިރާއެއްގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ބޭއްވި ބައްދަލުވުމުގައި ލިބުނު މައުލޫމާތުތަކުގެ އަލީގައި އަދިވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު. އަޅުގަނޑުމެން މިހާރުވެސް މިދަނީ ޕާޓީގެ ގުރާސް ރޫޓަށް މިކަމުގެ މައުލޫމާތު ދެމުން. އަޅުގަނޑުމެން މިދަނީ މިހާރު އިންތިޚާބުވެފައި ތިބި ކައުންސިލަރުންގެ މައުލޫމާތު ހޯދަމުން. ދާއިރާ ރައީސުންނާއި އަދިވެސް އެހެނިހެން ގްރޫޕްތަކުގެ މަޝްވަރާއާ އެކު އަޅުގަނޑުމެން މިކަމުގައި ޑިޒިޝަނެއް ނަގާނީ،" އަލީ ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބުނަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އީވޯޓިން ބޭނުންކުރާނީ ތިން ދާއިރާއެއްގައި ކަމަށެވެ. އެހެންކަމުން އީވޯޓިންގައި ބައިވެރިވުމާ މެދު އެޕާޓީން ގޮތެއް ނިންމުމުގެ ކުރިން އެއީ ކޮން ދާއިރާތަކެއްކަން އެނގެން އެބަޖެހޭ ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.
ޕީޕީއެމާއި އެމްޑީއޭ އަދި ޑީއާރްޕީން ވަނީ އީވޯޓިން އަށް ތާއީދުކޮށްފަ އެވެ. ޑީއާރްޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ މުޅި ނިޒާމުގެ މައްޗަށް އިތުބާރާ ޔަގީންކަން ކަށަވަރު ކުރެވޭގޮތަށް އީވޯޓިން ބޭނުންކުރުމަށް އެޕާޓީން ތާއީދު ކުރާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ އީވޯޓިންއާ ބެހޭގޮތުން އެ ޕާޓީން އަދި ވަކިއެއްޗެއް ދަންނަވަން ބޭނުންނުވާ ކަމަށެވެ.