29 Jun 2016, 13:35
ޅ. ކުރެއްދޫ ރިސޯޓާ ދެ މޭލު ބޭރުން މިދިޔަ އަހަރު ޖުލައިމަހުގެ ދެ ވަނަ ދުވަހު ވެއްޓުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީ ޕްލޭން ވެއްޓުނު ހާދިސާގެ ތަހުގީގުގެ ފައިނަލް ސްޓޭޖްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.
އެ ފުލައިޓު ވެއްޓުނު ތަހުގީގާ ގުޅޭގޮތުން ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިވިލްއޭވިއޭޝަންގެ ޑައިރެކްޓަރު އެއާ ވާދިނެސް އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ، އެ ތަހުގީގު އަދި ނުނިމޭ ކަމަށާއި މިހާރު ކުރަމުންދަނީ ފައިނަލް ސްޓޭޖުގެ މަސައްކަތްތައް ކަމަށެވެ. އަންނަ މަހު ކުރީކޮޅު އެ ތަފްސީލްތައް ހާމަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެތަހުގީގަށް ކެނެޑާގެ ފަންނީ އެހީތެރިކަން ދަނީ ހޯދަމުންނެވެ.

12 ޕަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ ޓީއެމްއޭގެ ސީޕްލޭން ވެއްޓިފައި --- ސަން ފޮޓޯ
މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުގެ ހަވީރު 5:30 ކަންހާއިރު ޅ. ކުރެއްދޫއާ ދެ މޭލު ބޭރަށް ވެއްޓުނު އެ ބޯޓުގެ ދެ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ އަޑިއަށް ގޮސްފަ އެވެ. ކުއްލި ހާލަތުގައި ސީޕްލެއިން ޖެއްސީ ކަނޑެވެ. ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރުމަށް އެ ސަރަހައްދަށް ކުރެއްދޫ ރިސޯޓުގެ ލޯންޗު ދިޔަ އިރު، ބޯޓުގެ މައިގަނޑު އޭރު އަޑިއަކަށް ނުދެ އެވެ. ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހުރިހާ ލަގެޖުތަކާ އެކު ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ.
ބޯޓް ވެއްޓުނީ އޭގައި ދަތުރު ކުރަމުން ދިޔަ 11 ފަސިންޖަރުންނާއި ތިން ކުރޫއިންނާ އެކު އެވެ. އެ އެންމެން ވެސް ވަނީ ސަލާމަތް ކޮށްފައެވެ. އަދި ވެއްޓުނު ބޯޓުގެ ބައިތައް ވަނީ ކަނޑުން ނަގާފައެވެ.