ތުރުކީ ވިލާތުގެ އިސްތަންބޫލްގައި ހުންނަ އަތާތުރުކު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭގެ ވަގުތެއްގައި ބަޔަކު ޖާނުން ފިދާވެގެން ދިން ހަމަލާގައި އެގައުމުގައި އުޅޭ އެއްވެސް ދިވެއްސަކަށް އަނިޔާވެފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަތިޔާރު އަޅައިގެން ތިބި ތިން މީހަކު ވަނީ ޓާމިނަލްއަށް ވަންނަ ގޭޓު ކައިރީގައި ބަޑިން ހަމަލާ ދިނުމަށް ފަހު ޖާނުން ފިދާ ވެގެން ބޮމުގެ ހަމަލާ ދީފަ އެވެ. މި ހަމަލާގައި 36 މީހަކު މަރުވި އިރު 140 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ.

މި ހަމަލާ، ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ކުށްވެރިކުރައްވައިފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ އިސްތަންބޫލް އެ ހަމަލާ ދިން އިރު އެތަނުގައި ދިވެއްސަކު ހުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި، އަދި ހަމަލާގެ ސަބަބުން ދިވެއްސަކަށް އަސަރު ކުރި ކަން ވެސް އަދި އެނގިފައި ނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ ތުރުކީގައި އުޅޭ ދިވެހީންގެ ހާލަތު އެ މިނިސްޓްރީ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާ އިރު ހަމަލާ ދިން ކަމަށް ލަފާ ކުރެވެނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް ތުރުކީގެ ބޮޑުވަޒީރު، ބިނާލީ ޔިލްދްރިން ވިދާޅުވި އެވެ. އަދި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އެހަމަލާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔަބު އުރުދުޣާން ވަނީ ޓެރަރިޒަމްއާ ދެކޮޅަށް "ގުޅިގެން ހަނގުރާމަ" ކުރުމަށް ގޮވާލާފަ އެވެ. އަދި އެހަމަލާއަކީ ތުރުކީއާ ދެކޮޅަށް "ޕްރޮޕަގަންޑާ ފެތުރުމުގެ ގޮތުން" ދީފައިވާ ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ.

އަތާތުރުކު އެއާޕޯޓަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާޕޯޓެވެ. މިދިޔަ އަހަރު ވެސް 60 މިލިއަން މީހުން ވަނީ އެއެއާޕޯޓުން ހިދުމަތް ހޯދާފަ އެވެ.