29 Jun 2016, 13:17
ސަމަސެޓް ހޮޓެލްގެ ގެސްޓް ރިލޭޝަން އޮފިސަރެއްގެ މަގާމުގައި ހުރި މުވައްޒަފަކު ހަޑިހުތުރު ބަހުން މުއާމަލާތްކޮށްގެން ވަޒީފާ އިން ވަކިކުރީ ގާނޫނާ އެއްގޮތަށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ކަނޑައަޅައިފި އެވެ.
ސަމަސެޓް ހޮޓެލުން އެމުވައްޒަފު ވަޒީފާ އިން ވަކިކޮށްފައި ވަނީ ތަނުގައި ތިބި ގެސްޓުންނަށް އަޑު އިވޭވަރަށް ހަޑި ހުތުބަހުން މުއާމަލާތްކޮށް އަޑުގަދަކުރިކަމަށް ބުނެ އެވެ. އެ މައްސަލަ އެމީހާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހަޅާފައި ވަނީ އެއްވެސް ނޯޓިހެއް ނުދީ ވަޒީފާ އިން ވަކިކޮށްފައިވާތީ ވަޒީފާ ލިބިދިނުމަށް އެދި އެވެ. އަދި ވަޒީފާ އިން ވަކިކޮށްފައި ހުރި ދުވަސްތަކަށްވާ މުސާރައާ އިނާޔަތްތައް ހޯދައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.
އެމައްސަލަ ބަލައި ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމާފައިވާ ނިންމުމުގައި ބުނެފައި ވަނީ އެމުވައްޒަފު ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބުނެފައިވާ ހާލަތެއް މެދުވިރެވެގެން ކަމަށެވެ. އެމާއްދާގައިވާ ގޮތުން މުވައްޒަފަކު ވަޒީފާ އިން ވަކިކުރެވޭނީ ވަކިކުރެވޭ ފަދަ ހާލަތެއް މެދުވެރިވެގެންނެވެ.
ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ނިންމުމުގައި ބުނެފައިވަނީ އެމުވައްޒަފު ވަޒީފާ އިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަަށްކަމަށް ކަނޑައަޅާނެ ތަނެއްނެތް ކަމަށެވެ.
ނަމަވެސް ވަކިކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާތީ ބަދަލުގެ ގޮތުގައި އެމުވައްޒަފަށް 16،000 ރުފިޔާ ދިނުމަށް ސަމަސެޓަށް ވަނީ އަންގައިފަ އެވެ. އިއްޔެ އެ ނިންމުން ނިންމައި ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ފައިސާ އެއްފަހަރާ ދެއްކުމަަށް ސަމަސެޓަށް ވަނީ އަންގައިފަ އެވެ.