އިޓަލިީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، އޭސީ މިލާންގެ ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް ސަމްޕޯޑިއާގެ ކުރީގެ ކޯޗް، ވިންޗެސްޒޯ މޮންޓެލާ ހަމަޖައްސައިފިއެވެ.

އުމުރުން 42 އަހަރުގެ މޮންޓެލާ، މިލާންގެ ކޯޗުކަމާ ހަވާލުވެފައި ވަނީ، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަައި އޭސީ މިލާންގެ ކޯޗުކަމުން ސިނީޒާ މިހައިލޮވިޗް ދުރުކުރުމަށްފަހު، ވަގުތީގޮތުން ކްލަބާ ހަވާލުވެހުރީ ކްރިސްޓިއަން ބްރޮކީއެވެ.

ރޯމާ އަދި ސަމްޕޯޑިއާގައި ފުޓްބޯޅަ ކެރިއަރު ހޭދަކުރި، އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް މޮންޓެލާ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓައިލުމަށްފަހު، ކެޓޭނިއާ އަދި ފިއޮރެންޓީނާއަށް ވެސް ކޯޗުކޮށްދީފައެވެ.

މިދިޔަ ސީޒަންގެ އިޓާލިއަން ކަޕްގައި ޔުވެންޓަސް އަތުން ބަލިވި މިލާން ސީޒަން ނިންމައިލީ އިޓާލިއަން ލީގުގެ ހަތްވަނައިގައެވެ.

އޭސީ މިލާނުން ބުނީ، އަލަށް ކްލަބާ ހަވާލުވި މޮންޓެލާގެ އިރުޝާދުގެ ދަށުން އެޓީމުގެ ސިސްޓަމް ބަދަލުކޮށް، މުސްތަގުބަލުގައި ކުޅުމުގެ ސްޓައިލަށް ވެސް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނޭ ކަމަށެވެ.