އެމެރިކާގެ ޒުވާނުންކޮޅެއް އުފެއްފި ސޯޝަލް ނެޓްވޯކް " ފޭސްބުކް" އަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު ބައްދަލުވެ، ވާހަކަ ދައްކާލައި، ހިޔާލުފާޅު ކުރުމުގެ އިތުރުން ތަފާތު އެތައް ގުޅުމެއް އުފައްދަމުންދާ ފިނިމައިޒާނެވެ.

ދުރުގައިވާ އެކުވެރީންނާ ގުޅުން ދެމެހެއްޓުމަށް އެއް ބަޔަކު ފޭސްބުކް ބޭނުން ކުރާއިރު އަނެއް ބަޔަކު ފޭސްބުކް ބޭނުން ކުރަނީ އެމީހުން ބޭނުންވާ ތަފާތު ވިސްނުންތައް މީހުންގެ މެދުގައި ފެތުރުމަށެވެ. އެގޮތުން ސިޔާސީ ހުރިހާ ކުލަތަކެއް މިހާރު އެންމެ ރަނގަޅަށް ފެންނަ އެއްތަނަކީ ވެސް ފޭސްބުކް އެވެ.

ގިނަ ބަޔަކު މިހާރު ފޭސްބުކްއަށް ދެވިހިފާފައި ވާއިރު އެ ނެޓްވޯކާ ބެހޭ ގޮތުން މިދުވަސްވަރު އަންނަނީ ތަފާތު އަޑުތައް ފެތުރެމުންނެވެ. އެ ނެޓްވޯކަށް ތަފާތު ފާޑުކިއުންތައް އަންނަނީ އަމާޒުވަމުންނެވެ.

ދާދިފަހުން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތޮއްޔިބު އަރުދުޣާން ވިދާޅުވެފައި ވަނީ ފޭސްބުކްއަކީ ހުތުރު ޓެކްނޮލޮޖީއެއް ކަމަށެވެ. އަރުދުޣާން އެހެން ވިދާޅުވެފައި ވިޔަސް އޭނާ ވެސް 800000 ( އަށް ލައްކަ) އަށް ވުރެ ގިނަ ފޭނުންނާއި އެކު ފޭސްބުކް ޕޭޖެއް އޮވެއެވެ.

ފޭސްބުކްއާއި ބެހޭ ގޮތުން އަރުދުޣާން އެހެން ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް ސިޔާސީ ބޭފުޅަކަށް އަމިއްލަ ކަމެއްގައި އީމެއިލްއެއް ފޮނުއްވާފައިވާ ކަމަށް ބުނެ އަރުދުޣާންގެ ސަރުކާރުގެ މިނިސްޓަރަކާ ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުފުލި ދައުވާއަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ފޭސްބުކް ބޭނުން ކޮށްގެން ނޫނަސް މީހެއްގެ ނަމުގައި ސިޓީއެއް ފޮނުވިދާނެ ކަމަށެވެ. އރުދުޣާން އިޝާރާތް ކުރައްވަނީ ފޭސްބުކްގައި އެކި މީސްމީހުންގެ ނަމުގައި ފޭކް އައިޑީ ހުންނަ ވާހަކަ ކަމަށް ބެލެވެއެވެ.

ތުރުކީގެ ބޮޑުވަޒީރު ފާހަގަކުރެއްވި ކަންތަކަކީ ގިނަ ބަޔަކަށް އެނގޭ ކަމަކަށް ވާތީ ގިނަ ބަޔަކު އެކަމާ ފަރުވާތެރިވެސް ވެއެވެ. އެހެން ކަމުން އެއީ މާކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެވިދާނެ އެވެ.
ފޭސްބުކް އަކީ މީހުން ކިތަންމެ ގަޔާވާ ނެޓްވޯކަކަށް ވިޔަސް އެނެޓްވޯކާ މެދު ކަންބޮޑުވާން ޖެހޭ ވަރުގެ އެހެން އަޑެއް މިހާރު ވަނީ އަރާފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން ރައްޔިތުންނަށް ފޮރުވައިގެން ގެންގުޅެފައިވާ އެތައް އެތައް ސިއްރު ލިއުންތަކެއް ނެރެ ހާމަކުރަމުންދާ މަޝްހޫރު ވިކިލީކްސްގެ އެއް ބާނީ ޖޫލިއަން އަސާންޖް ވަނީ ފޭސްބުކްއާ ބެހޭ ގޮތުން މީހުން ކުރިން ހީވެސް ނުކުރާ ކަހަލަ ވާހަކަތަކެއް ދައްކާފަ އެވެ.

ރަޝިޔާގެ ނޫހެއްކަމަށްވާ ރަޝިޔާ ޓުޑޭއަށް ދިން ހާއްސަ އިންޓަވިއު އެއްގައި އަސާންޖް ބުނެފައި ވެއެވެ: " ފޭސްބުކް އަކީ މިހާތަނަށް އުފެއްދި އެންމެ ނުބައި ޖާސޫސްކުރާ މެޝިން،"

އޭނާ ބުނިގޮތުގައި މީހުންގެ ފުރިހަމަ މައުލޫމާތު އެކުލެވޭ އެންމެ ބޮޑު ޑޭޓާ ބޭސްއެއް އެއްކޮށްފައި ވަނީ ފޭސްބުކްއިންނެވެ. އެގޮތުން މީހުންގެ ނަމާއި އެޑްރެސް އަދި އެމީހުން މީހުންނާއި އޮންނަ ގުޅުން ތަކުގެ ހުރިހާ މައުލޫމާތެއް (ފޭސްބުކް މެދުވެރިކޮށް) ހުންނަނީ އެމެރިކާގަ އެވެ.

" އެހުރިހާ މައުލޫމާތުތައް އެމެރިކާގެ ޖާސޫސީއިދާރާއަށް ބެލޭ،" ފޭސްބުކް މެދުވެރިކޮށް އެމެރިކާއިން ޖާސޫސްކުރާ ގޮތް ކިޔައިދެމުން އަސާންޖް ބުނެފައިވެ އެވެ.

އަސާންޖް ބުނާ ގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާއަށް މީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދެނީ ހަމައެކަނި ފޭސްބުކް އެއް ނޫނެވެ. ގޫގުލްއާއި ޔާހޫއަކީ ވެސް އެ މަސައްކަތް ކޮށްދޭ ދެ ނެޓްވޯކެވެ.

އެހެންވީމާ މިހާރު ފޭސްބުކް ހިންގަނީ އެމެރިކާގެ ޖާސޫސީ އިދާރާއިންތޯ ރަޝިޔާ ޓުޑޭގެ ރިޕޯޓަރު ލައުރާ އެމެޓް ސުވާލުކުރުމުން އަސާންޖް ބުނެފައި ވަނީ އެކަން ވީ އެހެން ނޫންކަމަށެވެ.

" އެކަން ވަނީ އެހެންނެއްނޫން، އެމެރިކާގެ ޖާސޫސީ އިދާރާއަށް އެބައޮތް ގާނޫނީ އަދި ސިޔާސީ ޕްރެޝަރު އެމީހުންނަށް (ފޭސްބުކް ހިންގާމީހުންނަށް) ކުރިމަތި ކުރަން،" އަސާންޖް ބުނެފައިވެ އެވެ. އޭނާ ބުނާ ގޮތުގައި ވަކިވަކި ފަރުދުންގެ މައުލޫމާތު ވަކިވަކިން އެމެރިކާގެ ސީއައިއޭއަށް ފޮނުވުމަކީ ފޭސްބުކްގެ މެނޭޖްމަންޓަށް އުނދަގޫ އަދި ހަރަދު ބޮޑު ކަމެކެވެ. އެހެންވެ އެމީހުން ވަނީ އޮޓަމެޓިކުން ހުރިހާ އެންމެންގެ މައުލޫމާތު ސީއައިއޭއަށް ލިބޭ ގޮތް ހަދާފަ އެވެ.

" ހުރިހާ އެންމެންވެސް ދަންނަން އެބަ ޖެހޭ އެމީހުންގެ އެކުވެރިން ފޭސްބުކްއާ ގުޅުވާއިރު އެކުރެވޭ ކަމަކީ މީހުންނާ ބެހޭ މައުލޫމާތު ހިމެނޭ ޑޭޓާ ބޭސް ބިނާކުރުމަށް އެމެރިކާގެ ސީއައިއޭއަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުން ކަން" އަސާންޖް ބުންޏެވެ.