ލަންޑަން (ޖޫން 29): އިތުބާރު ނެތް ކަމަށް ޕާޓީގެ މަޖިލިސް މެމްބަރުން ފާސް ކުރި ނަމަވެސް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ނުދެއްވާނެ އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު، ޖެރެމީ ކޯބިން ވިދާޅުވެއްޖެ އެވެ.

ލޭބާ ޕާޓީގެ 172 މަޖިލިސް މެމްބަރުން އިއްޔެ ވަނީ ކޯބިންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވައިފަ އެވެ. އެއާ ދެކޮޅަށް ވޯޓު ދެއްވީ 40 މެމްބަރުންނެވެ.

ނަމަވެސް ކޯބިން ވަނީ އެފަދަ ވޯޓެއް ނެގި ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވަން ގާނޫނުން ލާޒިމު ނުކުރާ ކަމަށާއި ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިގެން އޭނާ އަށް ވޯޓު ދިން ފަރާތްތަކަށް "ބޭވަފާތެރި" ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަކީ 60 ޕަސެންޓު ލޭބާ މެމްބަރުންނާއި ސަޕޯޓަރުންގެ ވޯޓުން، ޑިމޮކްރެޓިކް އިންތިހާބަކުން ހޮވާފައިވާ ލީޑަރެއް. އެހެންކަމުން އަޅުގަނޑު މަގާމުން އިސްތިއުފާ ދީގެން އެމީހުންނަށް ބޭވަފާތެރި ނުވާނަން،" ކޯބިން ވިދާޅުވި އެވެ.

ލޭބާ ޕާޓީގެ ލީޑަރު ކަމުން ކޯބިން އިސްތިއުފާ ދެއްވުމަށް ޕާޓީގެ މެމްބަރުން ގޮވާލަން ފެށީ އީޔޫ އިން ވަކިވުމަށް އިނގިރޭސިން ވޯޓު ދިނުމާ ގުޅިގެންނެވެ. ޕާޓީގެ ގިނަ މެމްބަރުން ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމުގެ ގާބިލުކަން ކޯބިން އަށް ލިބިގެންނުވެ އެވެ. އެހެންކަމުން ޕާޓީގެ ޝެޑޯ ކެބިނެޓަށް ނިސްބަތްވާ 20 މެމްބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. (ބީބީސީ)