ސުޝާންތު ސިންގް ރާޖްޕުތު އަދި ކްރިތީ ސަނޯން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމުންނާއި ޓުވިޓާ އިން ފެނެ އެވެ. އަދި އެކުގައި ވަގުތު ހޭދަކުރަނިކޮށް ޕަޕަރާޒީންގެ ކެމެރާތަކަށް ވެސް ވަނީ އަރައިފައެވެ.

ނަމަވެސް ދެ ތަރިންވެސް ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.

މިދިޔަ ހަފްތާގައި މީޑިއާ އިން އުފަން ކުރުވި އަނެއް ވާހަކަ އަކީ ސުޝާންތު އާއެކު ކްރިތީ ސިއްރު ޗުއްޓީއެއްގައި އުޅޭ ވާހަކައެވެ. ނަމަވެސް ކްރިތީ މިވަނީ އެވާހަކަތައް ވެސް ދޮގުކޮށްފައެވެ.

ޓުވިޓާ ގައި އޭނާގެ ދައްތަ ނުޕޫރު ސަނޯން އާއެކު ނަގާފައިވާ ފޮޓޯއަކާ އެކު ލިޔެފައި ވަނީ އޭނާ އިނީ ގޭގައި ސައި ބޯން ކަމަށެވެ.

"ތައިލެންޑުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އަހަންނާ ވައްތަރު ކާކުބާ؟" ކްރިތީ ބުނެފައިވެ އެވެ.

ކްރިތީ އާއި ސުޝާންތު ގުޅުވައިގެން ވާހަކަތައް ދެކެވެން ފެށީ، ސުޝާންތު ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު އަންކިތާ ލޮކަންޑޭ އާ ރުޅިވުމުންނެވެ. އޭރު ސުޝާންތު އަދި ކްރިތީ ދިޔައީ ފިލްމު "ރާބްތާ" ގެ މަސައްކަތް ކުރަމުންނެވެ.