29 Jun 2016, 11:32
ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު މިއަދު އައްޔަންކޮށްފި އެވެ.
ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރަކު އައްޔަންކުރައްވަންވާނެ ކަމަށެވެ.
އެލްޖީއޭއަށް ރައީސް ޔާމީން ކުރިން އައްޔަން ކުރައްވާފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ހޯމް މިނިސްޓަރުކަމުން އުމަރު އިސްތިއުފާ ދެއްވުމުން އެލްޖީއޭގެ މެމްބަރު ކަމުގެ މަގާމާއި އެ އެތޯރިޓީގެ ރައީސްގެ މަގާމު ވެސް ވަނީ ހުސްވެފަ އެވެ.
އެލްޖީއޭގެ ރައީސްކަމުގެ މަގާމު މިހާތަނަށް އަދާކޮށްފައި ވަނީ ވަޒީރުންނެވެ. އެލްޖީއޭގެ ރައީސަކަށް ބޭފުޅަކު އައްޔަން ކުރަނީ އެ ބޯޑުގައި ނަގާ ވޯޓަކުންނެވެ.
އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ޖުމުލަ ނުވަ މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ވަޒީރާއި މާލޭ ސީޓީ ކައުންސިލުން އައްޔަންކޮށްފައިވާ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރަކާއި މަޖިލީހުން ހޮއްވަވާފައިވާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މީހަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.