29 Jun 2016, 11:47
އޭޑީކޭގައި ހައި ޑިޕެންޑެންސީ ޔުނިޓެއް (އައިސީޔޫ) ހުޅުވައި އާންމުންނަށް ހިދުމަތްދޭން ފައްޓައިފި އެވެ.
އޭޑީކޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިޓް ހުޅުއްވައި ދެއްވީ ސިއްހީ ދާއިރާއަށް ހިދުމަތްތަކެއް ކުރައްވާފައިވާ އަނީސާ އެވެ.
ހައި ޑިޕެންޑެންސީ ޔުނިޓަކީ ބަލިމީހުންގެ ތެރެއިން ހާއްސަ އަޅާލުމެއް ބޭނުންވާ ބަލި މީހުންނަށް ހާއްސަކޮށް ހޮސްޕިޓަލްތަކުގައި ހުންނަ ތަނެކެވެ. އެގޮތުން އެފަދަ ޔުނިޓްތަކުގައި ފަރުވާދެނީ ކޮންމެވެސް ގުނަވަނެއް ފެއިލްވެފައިވާ މީހުން ނުވަތަ ބޮޑު އޮޕަރޭޝަނެއްކޮށް ހާއްސަ އަޅާލުމަކާ އެކު ފަރުވާދޭން ޖެހޭ މީހުންނަށެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، ބޮޑެތި އޮޕަރޭޝަންތަކަށް މީގެކުރިން ރާއްޖެއިން ބޭރަށް ދާން ޖެހުނު ނަމަވެސް، މިހާރު އެކަންކަން ރާއްޖެ އިން ކުރެވޭ ކަމަށާއި އެހެންކަމުން މިފަދަ ޔުނިޓެއް ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މުހިންމު ކަމަށެވެ.
"މީގެ ބޭނުމަކީ ކައިރިން އެމީހުން މޮނިޓާ ކުރެވި ނަރުހުންގެ ފަރާތުން އާންމު ވާޑެއްގައި ދޭން ޖެހޭ ވަރަށް ވުރެ ބޮޑަށް ދޭންޖެހޭ ހާލަތްތަކުގައި ތިބޭ މީހުން އެފަދަ ތަންތަނަށް މިލަނީ. އެހެންވީމާ އެގޮތުން އައިސީޔޫ އަށް ވުރެ އެއް ދަރަޖަ ދަށުގައި، ނަމަވެސް އާންމު ވާޑްތަކަށް ވުރެ މަތީ ދަރަޖައެއްގަ ހިދުމަތް ދިނުން މުހިންމުކަމަށް ބެލެވިގެން އަޅުގަނޑުމެން މި މަސައްކަތް ފެށީ،" އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޔުނިޓްގެ ސަބަބުން އޭޑީކޭން ހިދުމަތްހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އައްފާލް ވިދާޅުވީ، އޭޑީކޭ އިން މިއަހަރު ވެސް ވަރަށް ގިނަ އާ ކަންކަން ތައާރަފްކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ހިދުމަތްތައް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ.