29 Jun 2016, 11:58
ކުރިއަށް އޮތް ފިތުރު ޢީދާއި ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުވެފައިވާ ކަމަށް ގައުމީ އެއާލައިން 'މޯލްޑިވިއަނ' އިން ބުނެފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު މިއަދު "ސަން" އަށް ވިދާޅުވީ، ޢީދު ބަންދާ ދިމާކޮށް ޓިކެޓުތަކުގެ ޑިމާންޑް ބޮޑުވެފައިވާ ކަމަށެވެ.
"ފުދޭވަރަށް ގިނައިން ބުކްކޮށްފައިވަނީ އީދާދިމާކޮށް. އީދު ކައިރިވާވަރަކަށް އެދުވަސްކޮޅު ބާރުބޮޑުވަމުން ދާނީ،" ނަޝާތު ވިދާޅުވި އެވެ.
އެކި މަންޒިލްތަކަށް އަދިވެސް ކޮންމެވެސް ވަރަކަށް ޖާގަ ހުރި ކަމަށާއި ޑިމާންޑަށް ބަލައި ފްލައިޓް ދަތުރު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.
އެންމެ ބާރުބޮޑީ، ފުވައްމުލައް ފަދަ ފްލައިޓްތައް މަދުން ދަތުރުކުރާ ސަރަހައްދުތަކަށެވެ. ނަމަވެސް އެހެން ސަރަހައްދުތަކަށްވެސް ބާރުބޮޑު ކަމަށް ނަޝާތު ވިދާޅުވި އެވެ.
ފިތުރު ޢީދު ވާނެ ކަމަށް ބެލެވެނީ އަންނަ ބުދަދުވައެވެ. ޢީދާ ގުޅިގެން އަތޮޅުތެރޭގައި ފޯރިގަދަވާނޭ ކަމަށް ބެލެވޭ އިރު، ކޮންމެ ޢީދަކަށްވެސް ގިނަ އަދަދެއްގެ ބަޔަކު އަތޮޅުތެރެއަށްދެއެވެ.