19 May 2011, 17:22
ތަސްމީންގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން، ޓީފެކްޝަން ޕާޓީ ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށް ޒެޑްފެކްޝަނުން ކުރާ އުންމީދު ވަރަށް ދިގު އިންތިޒާރަކަށް ވެގެންދާނެ ކަމަށް ޓީފެކްޝަނުން މިއަދު ބުނެފި އެވެ.
ޑީއާރްޕީގެ އެތެރޭގެ ކޯޅުންތަކާ ގުޅިގެން ކަމަށް ބުނެ، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ޑީއާރްޕީން މިއަދު ވަކިވެވަޑައިގަތުމާ ގުޅިގެން އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުގެއްގައި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޕާޓީގެ ލީޑަރު ތަސްމީން އަރިހުގައި އުޅުއްވާ ބޭފުޅުން ޑީއާރްޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމަށް އަޑު ފަތުރަމުންދަނީ ޒެޑްފެކްޝަނުން ކަމަށެވެ. އަދި އެ ގޮތަށް އަޑު ފަތުރަމުންދަނީ ކައުންސިލް މެންބަރުން އެމްޑީޕީއާ ގުޅިގެންދާނެ ކަމަށް އުންމީދުކޮށް ކައުންސިލްގެ މެޖޯރިޓީ ޒެޑްފެކްޝަނަށް ލިބިދާނެ ކަމަށް ހީކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން ]ޒެޑްފެކްޝަން[ އުންމީދު ކުރަނީ އެބޭފުޅުންގެ ފަހަތުގައި ތިބި ހުރިހައި މީހުން ވެސް ޑީއާރްޕީ ވަކިވެގެން، އެ ބޭފުޅުންނަށް ކައުންސިލްގެ މެޖޯރިޓީ ދީފަ އަޅުގަނޑުމެން އެމްޑީޕީއަށް ނަމަވެސް، އެހެންތާކަށް ނަމަވެސް، ދާނެ ކަމަށް. އެކަމަކުވެސް ހިތާމަޔާއެކު ދަންނަވާލަން ބޭނުން ވަނީ ތި އިންތިޒާރު ވަރަށް ދިގު އިންތިޒާރަކަށް ވެގެންދާނެއޭ،" ޒެޑްފެކްޝަނަށް ރައްދުދެއްވައި ރޮޒައިނާ މިއަދު ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ޕާޓީގެ މެންބަރުން ޑީއާރްޕީ ދޫކޮށްފައި ނުދިއުމަށް ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އެދިލައްވާފައިވާއިރު، އަނެއް ކޮޅުން ޕާޓީގެ އެތެރޭގައި ބައިބައިވުން އުފައްދައި އިތުރަށް ގޯސް ކުރަމުންދަނީ މައުމޫން ކަމަށެވެ.
އޭނާ ވިދާޅުވީ އަލީ ވަހީދު ޕާޓީން ވަކިވެވަޑައިގަތުމުގެ ކުރިން "ޒައީމް ޕާޓީ ފުނޑުފުނޑުކޮށްލާފައިވާ" ކަމަށް ވިދާޅުވި ކަމަށާއި ދެން "ޒައީމް ޕާޓީ ރަނގަޅުވިޔަކަ ނުދޭނެ" ކަމަށް އަލީ ވަހީދު ވިދާޅުވި ކަމަށެވެ.