ކެބިނެޓުގެ ބައެއް ވަޒީރުން، އެހެން މިނިސްޓްރީތަކަށް ބަދަލު ކުރައްވައި، އަލަށް އައްޔަން ކުރެއްވި ތިން ވަޒީރުންނާއެކު ޖުމްލަ ފަސް ވަޒީރަކަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުން ރުހުން ހޯދަން ހުށަހަޅާފައިވާ ނަންތަކަކީ ޔޫތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް، ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ބަދަލު ކުރެއްވި އަހުމަދު ޒުހޫރާއި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ޔޫތު މިނިސްޓަރަކަށް ބަދަލު ކުރެއްވި އިރުތިޝަމް އާދަމާއި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނަވަނިކޮށް، ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު މުނައްވަރުގެ އިތުރުން ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އެވެ.

އެ ފަސް ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ހުށަހެޅުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމަށްފަހު، ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު އިއުލާން ކުރައްވާފައި ވަނީ އެ ވަޒީރުންގެ ނަންތައް ދިރާސާ ކުރަން މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީއަކީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމެޓީ އެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭއަށް ލިބިފައިވުމުން، މަޖިލީހުގެ ދާއިމީ ހުރިހާ ކޮމެޓީއެއްގެ މެޖޯރިޓީ ލިބިފައިވަނީ ސަރުކާރަށެވެ.

އެހެންކަމުން ކޮމެޓީގެ ރުހުން ލިބިގެން އެ ފަސް ވަޒީރުންނަށް ފަސޭހަކާއެކު މަޖިލީހުގެ ރުހުން ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.