29 Jun 2016, 11:08
އެޕާޓްމަންޓު ކުއްޔަށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނަގާ މީހެއްގެ ޝިކާރައަކަށް ވެފައި ތިބި މީހުން ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ މއ. ބުލާޝަމްގެ، އަބްދުﷲ ހުޝާމް،33، އަކީ މއ. ބުލާޝަމްގެއިން އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ، މަކަރާއި ހީލަތުން އެކި މީސްމީހުންއަތުން ފައިސާ ހޯދުމަށްފަހު، އެ މީހުންނަށް އެޕާޓްމަންޓް ކުއްޔަށްނުދީ ފިލައިގެން އުޅޭކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކެއްގައި ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.
އެހެންކަމުން އޭނާގެ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ ފަރާތެއްވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މުޖުތަމައުގައި އިތުރު ވަމުންދާ މައްސަލަތަކަކަށްވާތީ، ފައިސާއާއި އަގުބޮޑޫތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
ރާއްޖޭގައި ހިނގާ މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފަ އެވެ.