29 Jun 2016, 11:43
އިސްތަންބޫލު (ޖޫން 29): އިސްތަންބޫލުގެ އަތާތުރުކު އެއާޕޯޓަށް ރޭ ދިން ބޮމާއި ބަޑީގެ ހަމަލާގައި 36 މީހަކު މަރުވެ، 140 މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި ހަތިޔާރު އަޅައިގެން ތިބި ތިން މީހަކު ވަނީ ޓާމިނަލްއަށް ވަންނަ ގޭޓު ކައިރީގައި ބަޑިން ހަމަލާ ދިނުމަށް ފަހު ޖާނުން ފިދާ ވެގެން ބޮމުގެ ހަމަލާ ދީފަ އެވެ.
އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާ އިރު ހަމަލާ ދިން ކަމަށް ލަފާ ކުރެވެނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް ތުރުކީގެ ބޮޑުވަޒީރު، ބިނާލީ ޔިލްދްރިން ވިދާޅުވި އެވެ. އަދި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
އެހަމަލާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔަބު އުރުދުޣާން ވަނީ ޓެރަރިޒަމްއާ ދެކޮޅަށް "ގުޅިގެން ހަނގުރާމަ" ކުރުމަށް ގޮވާލާފަ އެވެ. އަދި އެހަމަލާއަކީ ތުރުކީއާ ދެކޮޅަށް "ޕްރޮޕަގަންޑާ ފެތުރުމުގެ ގޮތުން" ދީފައިވާ ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ.
އަތާތުރުކު އެއާޕޯޓަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާޕޯޓެވެ. މިދިޔަ އަހަރު ވެސް 60 މިލިއަން މީހުން ވަނީ އެއެއާޕޯޓުން ހިދުމަތް ހޯދާފަ އެވެ. (ބީބީސީ)