އަރަމުން އަންނަ ތަރި ޓައިގާ ޝްރޯފް އަދި ބޮލީވުޑަށް ނުކުންނަން ތައްޔާރުވެފައިވާ ދިޝާ ޕަޓާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ދެމީހުން އެކުގައި ތަންތަނަށް ގޮސް އުޅޭ މަންޒަރުވެސް ފެނެ އެވެ.

އަދި ވަރަށް ފަހުން ރިލީޒް ކުރި، ޓީ-ސީރީޒްގެ "ބޭފިކްރާ" ލަވައިގައި ދެމީހުން އެކުގައި ފެނިގެން ދިއުމުން އަނެއްކާވެސް މިވަނީ އެވާހަކަތައް ގަދަވެފައެވެ.

ނަމަވެސް ޓައިގާ މިވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ޓައިގާ ބުނީ ކެމެރާގެ ކުރިމަތީގައިވެސް އަދި ފުރަގަހުގައިވެސް ދިޝާ އާއެކު އުޅެން ވަރަށް ފަސޭހަ ކަމަށެވެ.

އަދި އެކުގައި ވަގުތު ހޭދަކުރާ ކަމަށާއި، ނަމަވެސް ދެ މީހުންނަކީ ހަމައެކަނި ގާތް ރަހުމަތްތެރިން ކަމަށާއި އިތުރު ގުޅުމެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

"ދެމީހުން އެކީ ޑާންސް ރިހާސަލް ތަކަށް ދަން. ދެމީހުންނަކީ ވެސް ކެއުމަށް ވަރަށް ފޯރި ހުންނަ ދެމީހުން. އެހެންވީމަ އެކުގައި ގިނަ ވަގުތު ހޭދަކުރެވޭ. އެކަމަކު އެއީ ހަމައެކަނި ދެ ރައްޓެހިންގެ ގޮތުގައި،" ޓައިގާ ބުންޏެވެ.

ދިޝާވެސް ވަނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

ދިޝާ ބޮލީވުޑަށް ތައާރަފުވާނީ ކުރިކެޓް ލެޖެންޑް، މަހިންދުރަ ސިންގް ދޯނީގެ މައްޗަށް އުފައްދާ ބަޔޮޕިކް ގައި ސުޝާންތު ސިންގް ރާޖްޕުތު އާއެކު އެވެ.