29 Jun 2016, 09:55
"އަހަރެންގެ ނަމަކީ މަލިކް މުހައްމަދު ހަސަން އެވެ. އަހަންނަކީ ލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވާ މީހެކެވެ. އެންމެ ފުރަތަމަ އިސްލާމްދީނާ ބެހޭ މައުލޫމާތު ލިބުނީ ސްކޫލުގައި އުޅުނު އިރު ކިޔުނު ފޮތަކުންނެވެ. އެންމެ ފުރަތަމަ ﷲގެ ނަންފުޅު ވެސް ދަސްވީ އެ ފޮތުންނެވެ.
ކުރިން ނޭނގޭ ވާހަކަތަކަކަށް ވުމުން، އެ ފޮތާ އަދި އިސްލާމްދީނާ މެދު އަހަރެންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވި އެވެ. ދެން "ދަ ނޭޝަން އޮފް އިސްލާމް" އާ ބެހޭ ގޮތުން ކިޔަން ފެށީމެވެ. އަހަންނަކީ ލޮލަށް ނުފެންނަ މީހެއް ކަމުން، އިސްލާމް ދީނާ ގުޅޭ މާ ގިނަ ފޮތްތަކެއް ނުލިބެ އެވެ. އެއީ ލޮލަށް ނުފެންނަ މީހުންނަށް ހާއްސަ، އިސްލާމްދީނާ ގުޅުންހުރި ފޮތްތައް އޭރު މަދުވީމަ އެވެ.
އިސްލާމްދީނުގެ އެކި ލިޔުންތަކާއި އިސްލާމް ދީން ގަބޫލު ކުރި މީހުންގެ ވާހަކަތައް ކިޔަން ފެށުމުން، އެމީހުން އަޅުކަން ކުރަނީ އަމިއްލަ އަށް ސޫރަކޮށްފައިވާ ކަލާނގެ އަކަށް ނޫން ކަމާއި މުސްލިމުން އަޅުކަން ކުރަނީ ފުރިހަމަ ސިފަފުޅުތަކެއް ލިބިގެންވާ ކަލަކަށް ކަން އެނގިގެން ދިޔަ އެވެ.
އެ ހިސާބުން، ލޮލަށް ނުފެނުނު ނަމަވެސް އަޅުކަން ކުރެވޭނެ ކަމާއި، މުސްލިމުން އަޅުކަން ކުރަނީ އެމީހުން އަމިއްލަ އަށް ސޫރަ ކުރަހާފައިވާ އެއްޗަކަށް ނޫން ކަމުން އަހަރެން ކަހަލަ މީހުންނާ އިސްލާމްދީން ގުޅިފައިވާ މިންވަރު ވިސްނުނެވެ.
އަހަރެން ދިޔައީ އިސްލާމްދީނުގެ މައްޗަށް ލިޔެވިފައިވާ ފޮތްތަކުގެ އިތުރުން ބައެއް ޓޭޕް ތައް ވެސް އަޑުއަހަމުންނެވެ. ނަމަވެސް އެއީ މުސްލިމުން ލިޔެފައިވާ އަދި ރެކޯޑު ކޮށްފައިވާ ތަކެތި ނޫން ކަމުން ބައެއް ކަހަލަ ކަންތައްތަކުގައި އަހަރެންގެ ހިތުގައި ނުތަނަވަސްކަން އުފެދެން ފެށި އެވެ. ފަހަރުގައި އަހަންނަށް ލިބެމުން ދިޔައީ އެންމެ ތެދު މައުލޫމަތު ނޫން ކަމަށް ވެދާނެ އެވެ.
އެހެން އުޅުމުގެ ތެރޭގައި ލޮލުގެ ފެނުމުގައި މައްސަލަތައް އުޅޭ މީހުންނަށް ހާއްސަ ކޭމްޕަކަށް ދިއުމުގެ ފުރުސަތު ލިބުނެވެ. އެ ކޭމްޕުގައި ބައިވެރިވުމަށް އަހަރެން ޓޮރޮންޓޯ އަށް ފުރީ 1996 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ ކާފަރެއްގެ ގޮތުގައި އަހަރެން ކުރި އެންމެ ފަހު ދަތުރެވެ. ނަމަވެސް އެކަން އެހެން ވާނެކަން ކުރިން ނޭނގެ އެވެ.
ޓޮރޮންޓޯ އަށް ފުރަތަމަ ދިޔަ އިރު ހުރިހާ ކަމެއްވެސް ހުރީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ދެވަނަ ދުވަހު ހުރިހާ ކަމެއް ބަދަލުވި އެވެ. އިސްލާމްދީނަށް އަހަރެންނަށް މަގު ދެއްކުމަށް ﷲ ފޮނުއްވި މީހާ އާ އަހަންނާ ދިމާވީ އެދުވަހު އެވެ.
އޭނާގެ ނަމަކީ ރިޒްވާނާ އެވެ. ރިޒްވާނާ އާ ވާހަކަ ދައްކަން ޝައުގުވެރިވީ އޭނާގެ ނަން ރީތިކަމުންނެވެ. އަދި ނަމުގެ އަސްލާ ގުޅޭ ގޮތުން ސުވާލު ކުރީމެވެ. ރިޒްވާނާ ބުނީ އެއީ އަރަބި ނަމެއް ކަމަށެވެ. އަދި އޭނާ އަކީ މުސްލިމެއް ކަމަށެވެ.
އެއާއެކު، އަހަންނަށް އިސްލާމްދީނާ ގުޅޭ ގޮތުން ލިބިފައި ހުރި ހުރިހާ މައުލޫމާތެއް ރިޒްވާނާ އަށް ކިޔައިދިނީމެވެ. އަދި ރިޒްވާނާ ގާތުން އިތުރަށް މައުލޫމާތު އޮޅުންފިލުވީމެވެ.
ކޭމްޕުގެ އެހެން ބައިވެރިން ކުޅުމުގައި އުޅޭ އިރު އަހަންނާއި ރިޒްވާނާ ތިބެނީ އިސްލާމްދީނާ ގުޅޭ ގޮތުން ވާހަކަ ދައްކާށެވެ. ފަތިހު ތިނެއް ހަތަރެއް ޖަހަންދެން ވެސް އެގޮތަށް ތިބެވެ އެވެ.
ރިޒްވާނާ ކިޔައިދިން ވާހަކަތަކުގެ ސަބަބުން އަހަރެން މުސްލިމަކަށް ވާން ބޭނުންވެ، އިސްލާމް ދީން ގަބޫލު ކުރީ ޖުލައި ފަސް ވަނަ ދުވަހު އެވެ.
އެއަށް ފަހު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވި އެވެ. ކަންތައްތަކާ މެދު ވިސްނާ ގޮތް ބަދަލުވި އެވެ. އަދި އާއިލާ އަކަށް ނިސްބަތްވާ ކަމުގެ އިހުސާސް ކުރެވުނެވެ. ކޮންމެ މުސްލިމަކީ އަހަރެންގެ އުޚުތެކެވެ. އަޚެކެވެ. އަހަރެންގެ 1.2 ބިލިއަނަށް ވުރެ ގިނަ އާއިލާ މެމްބަރުން އެބަ ތިއްބެވެ. އެކަމާ އަހަރެން އުފާކޮށް ފަޚުރުވެރިވަމެވެ.
އަދި ލޮލަށް ނުފެނުނު ނަމަވެސް، އަޅުކަން ކުރެވޭނެ ކަމާއި، ބޭނުންވަނީ އިޚުލާސްތެރި ނިޔަތް ކަން މިހާރު އަހަންނަށް ވިސްނެ އެވެ."
ނޯޓު: މިއީ 1996 ވަނަ އަހަރު އިސްލާމް ދީން ގަބޫލު ކުރި، ކެނެޑާ އަށް އުފަން މަލިކު މުހައްމަދު ހަސަން އިސްލާމްވި ގޮތް އޮންލައިން ފޯރަމަކަށް ކިޔައިދިން ގޮތުގެ ހުލާސާ އެކެވެ.