29 Jun 2016, 10:19
ރިސޯޓަކުން ދައުލަތަށް ލިބެން ޖެހޭ ކުއްޔާއި ޖޫރިމަނާ ނުދެއްކިޔަސް 99 އަހަރަށް އެ ރަށެއް ކުއްޔަށް ދިނުމުގެ އިހްތިޔާރު ސަރުކާރަށް ލިބިދޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާކަން "ހާމަވެއްޖެ" އެވެ.
އެކަން ހާމަވެފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މަޖިލީހަށް ހުށަހަޅުއްވައި، ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުން މިއަދު ފާސްކުރަން އެޖެންޑާކޮށްފައިވާ ރިޕޯޓުންނެވެ. އެ ބިލުން އެފަދަ އިހްތިޔާރުތަކެއް ސަރުކާރަށް ލިބިދޭކަން ކުރިއަކުން ހާމަވެފައެއް އެވެ. ގިނަ ބަޔަކު ކަންބޮޑުން ފާޅުކުރީ އެ ބިލު ފާސްވެއްޖެ ނަމަ އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރެވޭތީ އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން 99 އަހަރަށް ރަށެއް ކުއްޔަށް ދެވޭނީ ވަކި ޝަރުތުތަކަކާއެކުގަ އެވެ. އެއީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވުމާއި ކުއްޔަށް ދީފައިވާ ރަށުގައި ރިސޯޓު ހުޅުވާފައިވުމާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެއްފަހަރާ ދައްކައި ހަލާސް ކުރުމުންނެވެ.
ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން، ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔެއް އަދި ޖޫރިމަނާއެއް އޮތަސް، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 99 އަހަރަށް އެ ރަށެއް އެ ބަޔަކަށް ކުއްޔަށް ދެވިދާނެ ކަމަށެވެ. އެފަދަ އެއްބަސްވުމެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފަސް ކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަމަށް އެ ބިލުގައިވެ އެވެ.
ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ގާއިމްކުރާ އެއްބަސްވުމުގެ ތަފްސީލުތަކެއް އެ ބިލުގައި ހިމަނާފައެއް ނުވެ އެވެ. ބިލު ތަސްދީގު ކުރުމުން ހަދަން ޖެހޭ ގަވާއިދެއްގައި އެފަދަ އެއްބަސްވުމެއްގައި ހިމަނަން ޖެހޭނެ ކަންތައްތަކެއް ވެސް ފާހަގަކޮށްފައެއް ނުވެ އެވެ.
ބިލު ހުށަހެޅުއްވި މެމްބަރު ނިހާން، (މ) މަޖިލިސް މެމްބަރުންނާއެކު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެންކަމުން އެފަދަ އެއްބަސްވުމަކުން މުއްދަތެއް ނެތް ގޮތަށް ކުއްޔާއި ޖޫރިމަނާ ދައްކަން ޖެހޭ މުއްދަތު ފަސްކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބޭނެ އެވެ. އަދި ބޭނުންވާ ވަކި ބަޔަކާ އެކު އެފަދަ އެއްބަސްވުމެއް ހެދުމުގެ އިހްތިޔާރު ވެސް ސަރުކާރަށް ލިބިދޭނެ އެވެ.
ނިހާން އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ (9) ވަނަ މާއްދާގެ (ވ)ގެ (1) ވަނަ ނަމްބަރަށެވެ. އެ ނަމްބަރަކީ 99 އަހަރަށް ރަށެއް ކުއްޔަށް ހިފާ ފާރާތުން ފުރިހަމަ ކުރަން ޖެހޭ، ފުރަތަމަ ޝަރުތެވެ.
އެ ޝަރުތުގައި ބަޔާން ކުރަނީ ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާ ނަމަ، އެ ފައިސާ ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށެވެ. ދައްކައި ހަލާސް ކުރަން ޖެހޭ ފައިސާގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާއެއް ނުހިމެނޭނެ ކަމަށް ނިހާން ހުށަހެޅުއްވި ބިލުގައިވެ އެވެ.
ނަމަވެސް މިހާރު އަމަލު ކުރަމުން އަންނަ ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން 99 އަހަރަށް ރަށެއް ކުއްޔަށް ދެވޭނީ ދައުލަތަށް ދައްކަން ޖެހޭ ކުއްޔެއް އަދި ޖޫރިމަނާއެއް ފަސްކުރުމަށް ސަރުކާރުން ނިންމެވިޔަސް، ފަސްކުރި ކުއްޔާއި ޖޫރިމަނާ ދައްކައި ހަލާސް ކުރުމުންނެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނާ ގޮތުން 99 އަހަރަށް ރަށެއް ކުއްޔަށް ދޫކުރަނީ އެ ރަށަކީ މިހާރު ވެސް 50 އަހަރަށް ކުއްޔަށް ހިފައިގެން ހިންގާ ރިސޯޓަކަށްވާ ނަމަ އެވެ. އެހެންކަމުން އިތުރަށް ދޫކުރާ 49 އަހަރާ އެކު ޖުމްލަ ކުއްޔަށް ދޭ އަހަރުގެ މުއްދަތު 99 އަހަރަށް އަރަ އެވެ.
ރާއްޖޭގެ ބިމާއި ރަށްތައް ބަޔަކަށް ކުއްޔަށްދޭ މުއްދަތު 100 އަހަރަށް އިތުރެއް ނުކުރެވޭނެ އެވެ. ގާނޫނު އަސާސީގެ 251 ވަނަ މާއްދާ ބުނާ ގޮތުން ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރަށް ކަމަށެވެ. ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ ނިހާން އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބިލުގައި ވިދާޅުވެފައި ވަނީ ރިސޯޓުތައް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އަލުން ހުޅުވާލައި، ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ އިތުރު ކުރުމަށް ދައްކަން ޖެހޭ ފީ ދެއްކުމުގެ އާ މުއްދަތެއް ކަނޑައެޅުމަކީ އެ ބިލު ހުށަހެޅުއްވި އެއް ސަބަބު ކަމަށެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނާ ގޮތުން 50 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ރިސޯޓުތައް ކުއްޔަށް ދޫކުރަން ހުޅުވާލި ފުރުސަތު 2013 ވަނަ އަހަރު ވަނީ ހަމަވެފަ އެވެ. އެ މުއްދަތުގައި 50 އަހަރަށް ވުރެ ދިގު ނޫން މުއްދަތަށް ރިސޯޓުތައް ކުއްޔަށް ހިފި ފަރާތްތަކުން ދައުލަތަށް ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ފެބްރުއަރީ 6، އަށް ވަނީ ހަމަވެފަ އެވެ.
ނަމަވެސް ނިހާން ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ 50 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ރިސޯޓު ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނީ ބިލު ތަސްދީގު ކުރާ ދުވަހުން ފެށިގެން، ހަތަރު މަސް ދުވަހަށް ކަމަށެވެ.
ޓޫރިޒަމާ ބެހޭ ގާނޫނު ބުނާ ގޮތުން 50 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ރަށެއް ކުއްޔަށް ދޫކޮށްފި ނަމަ، އިތުރު ކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރުގެ (1.5 މިލިއަން ރުފިޔާގެ) ދައުލަތަށް ދައްކަން ޖެހޭނެ އެވެ. އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނީ ކޮންމެ އަހަރަކު، ތިން މަހުން އެއް ފަހަރު، އެ މަހަކަށް ޖެހޭ އަދަދުން ކަމަށް ގާނޫނުގައި ބުނެ އެވެ.
ނަމަވެސް ނިހާން ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އެ ފައިސާ، 2018ގެ ކުރިން ދައްކައިި ހަލާސް ކުރެވިދާނެ ކަމަށާއި އެ ފައިސާ ދައްކަން ޖެހޭނީ މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން ކަމަށެވެ.
އެ ތަފްސީލުތަކާ ގުޅިގެން ނިހާންގެ ބަހެއް ހޯދުމަށް މިއަދު ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ރައީސް މައުމޫން ނިހާނާ ސަލާމް ކުރައްވަނީ: ނިހާން ހުށަހެޅުއްވި ބިލާ މައުމޫން ދެކޮޅު-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ނިހާން ހުށަހަޅުއްވާފައިވާ އިސްލާހަކީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވާ އިސްލާހެކެވެ. ގައުމުގެ ކުރިމަގަށް ޓަކައި އެ އިސްލާހަށް ވޯޓު ނުދެއްވުމަށް އެމަނިކުފާނު ވަނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް ގޮވާލައްވައިފަ އެވެ.
ރައީސް މައުމޫން އެގޮތަށް އެދިވަޑައިގެންފައިވަނިކޮށް، އެ އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އެ އިސްލާހަށް ޕީޕީއެމްގެ މެމްބަރުން ވޯޓު ދިނުމާ މެދު ގޮތެއް ނިންމާނީ މިއަދު މެންދުރު ބާއްވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގަ އެވެ. ނަމަވެސް ޕީޕީއެމްގެ މަޖިލީސް މެންބަރުން އެ އިސްލާހަށް ތާއިދުކޮށް ވޯޓު ދެއްވާނެ ކަމަށް ނިހާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.