29 Jun 2016, 08:08
އިއުލާނު ކުރުމަކާ ނުލައި ރަށްތަކާއި ބިމާއި ފަޅު ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މިއަދުގެ ޖަލްސާއިން ފާސްކުރަން އެޖެންޑާކޮށްފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އެ އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރަން އެޖެންޑާކޮށްފައި ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ބިލާ ދެކޮޅު ހައްދަވާފައިވަނިކޮށެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުނަށް މައުމޫން ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައި ވަނީ ގައުމުގެ ކުރިއެރުމަށްޓަކައި އެ އިސްލާހަށް ވޯޓު ނުދިނުމަށެވެ. އެ އިސްލާހުގެ ސަބަބުން ރާއްޖޭގެ ކުރިއެރުމަށް ގެއްލުންތައް ލިބޭނެ ކަމަށާއި އަދި އެ އިސްލާހަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު އިސްލާހެއް ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
އިއުލާން ކުރުމަކާ ނުލައި ރަށްތަކާއި ފަޅާއި ބިން ދޫކުރެވޭ އިސްލާހު މަޖިލީހުން ދިރާސާކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުގައްރިރުކަން ކުރައްވާ މުޅި މަޖިލީހުގެ ކޮމެޓީންނެވެ. އެ ކޮޓީން އެ ބިލު އިތުރަށް ދިރާސާ ކުރުމަށް ފޮނުވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު މުގައްރިރުކަން ކުރައްވާ އިގްތިސާދީ ކޮމެޓީއަށެވެ.
އެ ކޮމެޓީން ވަނީ ނިހާން ހުށަހެޅުއްވި ބިލަށް ކުދި އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން ގެސްޓު ހައުސްތަކުން ނަގަން ހުށަހެޅި ހަ ޑޮލަރުގެ ގްރީން ޓެކްސް، ތިން ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ. ނަމަވެސް ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކުން ހިދުމަތް ހޯދާ ފަތުރުވެރިއެއްގެ ބޮލަކަށް ދުވާލަކު ހަ ޑޮލަރުގެ ގްރީން ޓެކްސްއެއް ނަގާނެ އެވެ.
އިގްތިސާދީ ކޮމެޓީން އެ ބިލު ދިރާސާކޮށް ނިންމައި މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީން ރިޕޯޓު ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީން އިއްޔެ ވަނީ އެ ބިލް ފާސްކޮށްފަ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން އާންމުކޮށް އިއުލާނުކޮށްގެންނާއި، އިއުލާން ކުރުމަކާ ނުލައި ރަށާއި ފަޅުތަކާއި ބިން ކުއްޔަށް ދޫކުރެވޭނެ އެވެ. އާންމުކޮށް އިއުލާނުނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާއެކު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.
ކޮންމެ އަހަރަކު ދޫކުރާނެ ރަށްތަކާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާއާއެކު އެކުލަވާލައި އާންމުކުރަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލު ކުރުމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ނިހާން ހުށަހަޅުއްވާފައިވާ އެ ބިލު ދިރާސާކޮށް ނިންމައި، މުޅި މަޖިލީހުގެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެ ރިޕޯޓު މަޖިލީހުން ފާސްވާނީ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުންނެވެ. އެ އިސްލާހަށް މަޖިލީހުގައި ވޯޓަށް އަހާނީ މިއަދު މެންދުރުފަހު ދަންފަޅީގަ އެވެ.