ރ. އަތޮޅު ރަށެއްގައި 15 އަހަރުގެ ދަރިފުޅާ ބެހި ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެގެން ކުއްޖާގެ ބައްޕަ 20 އަހަރަށް ޖަލަށް، އަދި ބައްޕަ ދަރިފުޅަށް ޖިންސީ ގޯނާ ކުރާކަން ސިއްރު ކުރިކަން ސާބިތުވާތީ ކުއްޖާގެ ދޮންމަންމަ ހަ މަސް ދުވަހަށް ޖަލަށްލުމަށް ރ. މާކުރަތު ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މާކުރަތު ކޯޓުގެ މެޖިސްޓްރޭޓް އަލީ ނަޝީދު އާދަމް މިއަދު ވިދާޅުވީ އެ އަތޮޅު ރަށެއްގެ ދެމަފިރިއަކު ޖަލަށް ލުމަށް ހުކުމް ކުރީ ކުއްޖާގެ ބައްޕަ ވަޅިން ބިރު ދައްކައި ތަކުރާރުކޮށް ދަރިފުޅާ ޖިންސީ ގޯނާ ކުރަމުންދިޔަކަން ސާބިތު ވުމުންނާއި ދަރިފުޅުގެ ދޮންމަންމައެކަން ސިއްރުކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމުން ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓުން ބައްޕަގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުންނެވެ. ދޮންމަންމަގެ މައްޗަށް ހުކުމް ކުރީވެސް އެ ގާނޫނާ ހަވާލާދީ އެވެ.

މި މައްސަލައާ ގުޅިގެން ދެމަފިރިންގެ އިތުރުން އެހެން މީހެއްގެ މައްޗަށްވެސް މީގެ ދެ ތިން ދުވަސްކުރިން ވަނީ އަމުރަށް ނުކިއަމަންތެރިވުމުގެ ކުށް ސާބިތުވެ 150ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. އެމީހާގެ މައްޗަށް ދައުވާކޮށް ޖޫރިމަނާ ކުރީ އަންހެންކުއްޖާ ބަނޑު ބޮނޑިވި ކަން އެނގުމުން ބޭސް ދީގެން ދަރިފުޅު ވައްޓާލި ޝަރީއަތަށް ސާބިތު ވެގެންނެވެ.

މެޖިސްޓްރޭޓް ވިދާޅުވީ ޝަރީއަތުގައި އަންހެންކުއްޖާގެ ދޮންމަންމަ ބުނެފައިވާ ގޮތުން ކުއްޖާގެ ބައްޕަގެ އިތުރުން އެހެން މީހުންވެސް އެ ކުއްޖާއަށް ވަނީ ޖިންސީ ގޯނާތައް ކޮށްފަ އެވެ.

މި މައްސަލަ މިއަދު ނިންމި އިރު ދެ ދޮންދަރިންނާ އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެގެން މީގެ ދެ ދުވަސް ކުރިން ވެސް ރ. އަތޮޅުގެ ރަށެއްގެ މީހެއް މައްޗަށް 15 އަހަރަށް ޖަލަށްލާން އެ އަތޮޅު ރަސްމާދޫ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.