ތުރުކީގެ އިސްތަންބޫލްގެ އަތާތުރުކު އިންޓަނޭޝަނަލް އެއާޕޯޓުގައި ގޮވުންތަކެއް ގޮވައި، ބައެއް މީހުންނަށް އަނިޔާ ވެއްޖެ އެވެ

ރަޝިއާ ޓުޑޭއިން ރިޕޯޓު ކުރާ ގޮތުގައި، އަތާތުރުކު އެއާޕޯޓުގައި ގޮވުންތަކެއް ގޮވާފައި ވަނީ އެ އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލްސް ޓާމިނަލުގަ އެވެ.

ތުރުކީގެ އޮފިޝަލަކާ ހަވާލައިދީ ރޮއިޓާސްއިން ރިޕޯޓު ކުރާ ގޮތުގައި ދެ ގޮވުމެއް ވަނީ އެއާޕޯޓުގައި ގޮވާފަ އެވެ. ތުރުކީގެ މީޑިއާއިން ބުނަނީ އެއީ އެއާޕޯޓުގެ ދެ ލޮކޭޝަނެއްގައި ވަނީ އެއްޗެހިތަކެއް ގޮއްވާލައިފަ އެވެ.

މީގެ އިތުރުން އެއާޕޯޓުގެ ޕާކިން ލޮޓާ ދިމާލުން ބަޑި ޖަހާ އަޑު އިވިފައިވާ ކަމަށް ބައެއް މީހުން ބުނާ އިރު، ހަތިޔާރު އެޅި ހަތަރު މީހަކު ފިލަން ދުވެފައި ދިޔަ މަންޒަރު ވެސް ބައެއް މީހުންނަށް ފެނިފައިވެ އެވެ.

އެހެންކަމުން މިއީ ރާވައިގެން ބަޔަކު ދިން ހަމަލާއެއް ކަމަށް ބެލެވެ އެވެ.

މި ހާދިސާގައި ބައެއް މީހުންނަށް އަނިޔާ ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ އިރު، ޓެކްސީތަކުގައި އެ މީހުން ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ވެސް މީހުންނަށް ފެނިފައި ވެ އެވެ.