އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން މޮޅުވެ، ލީގުގެ ދެ ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބު ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާގެ މައްޗަށް ޓީސީ ކުރި ހޯދީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-2 ލަނޑުން ކާމިޔާބުކުރީ ޓީސީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ ނަތީޖާއާއެކު ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު ލީގުގެ ދެ ވަނަ އަށް ޓީސީ ޖެހިލި އިރު، ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގައި އަދިވެސް އޮތީ މާޒިޔާ އެވެ. ލީގުގެ ތިން ވަނާގައި އޮތް ކްލަބު އީގަލްސް އާއި ތިން ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވެސް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓަރީ އަށް ވުރެ ކުރީގައި އީގަލްސް އޮތީ ގޯލުގެ ތަފާތުންނެވެ.

މެޗުގެ ހަތް ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ހުސައިން ނިޔާޒު މުހައްމަދު (ބޮކުރީ) ދިން ބޯޅައަކުން މާޒިޔާ އަށް ލީޑު ހޯދައިދިނީ މުހައްމަދު އުމައިރު އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

ޓީސީން މެޗުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރީ 22 ވަނަ މިނެޓުގައެވެ. ޔާމީން އިބްރާހިމް (ޔާމްބެ) ދިން ރީތި ބޯޅައަކުން ޓީސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-2 ލަނޑުން ކާމިޔާބުކުރީ ޓީސީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ އުމައިރާއި ބޮކުރީ އަދި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފިފައެއް ނުވެ އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ތިން މިނެޓު ފަހުން ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. ޓީސީ އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސެންޓޭ އެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ޓީސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނާފިއު އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-2 ލަނޑުން ކާމިޔާބުކުރީ ޓީސީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާ އިން ލަނޑެއް ޖަހައި އުންމީދު އާކުރި އެވެ. އުމައިރު ނަގައިދިން ހުރަހަކުން މާޒިޔާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ޓީސީ އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނާފިއު ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަލީ ހާފިޒް އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަތިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އެވެ.