29 Jun 2016, 08:16
ގައުމީ ޓީމަށް ކުޅުން ހުއްޓާނުލުމަށް ލިއޮނެލް މެސީގެ ކިބައިން އާޖެންޓީނާގެ ރައީސް މައުރީސިއޯ މަކްރީ އެދިވަޑައިގެންފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީ އަތުން އާޖެންޓީނާ ބަލިވި މެޗަށްފަހު، ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަން މެސީ ވަނީ އިއުލާންކޮށްފަ އެވެ. އެ މެޗުގައި ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނެ އެވެ.
އާޖެންޓީނާ ރައީސްގެ ތަރުޖަމާނު އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، މެސީ އަށް ރައީސް މަކްރީ ގުޅުއްވައި ޓީމުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާކަން ދެންނެވި ކަމަށާއި ފާޑު ކިޔުންތަކާމެދު އަޅާ ނުލުމަށް މެސީގެ ކިބައިން ރައީސް އެދިލެއްވި ކަމަށެވެ.
ކޮޕާ އެމެރިކާގެ ދެ ފައިނަލުގައި ޗިލީ އަތުން އާޖެންޓީނާ އަށް ނާކާމިޔާބު ލިބުނު އިރު، ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ޖަރުމަން އަތުން ވަނީ ބަލިވެފަ އެވެ. ބޮޑު މުބާރާތެއްގައި އާޖެންޓީނާ އަށް ތަށްޓެއް ނުލިބޭތާ މިހާރު 23 އަހަރު ވެއްޖެ އެވެ.