މަންދު ކޮލެޖުން 2010 ވަނަ އަހަރު ތައުލީމީ ފަންޑުން ނެގި ތިން މިލިއަން ރުފިޔާގެ ލޯނަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މި މަހުގެ 22 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ އޭޕްރީލް 13، 2010 ގައި ތައުލީމީ ފަންޑުން މަންދު ކޮލެޖަށް ތިން މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައިވާ ކަމަށާއި އެ ލޯނުގެ އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ގަވާއިދުން ފައިސާ ދައްކާފައި ނުވާކަން ހުށަހެޅިފައިވާ ލިޔުންތަކާއި ދައުވާ ލިބޭ ފަރާތުގެ ބަހުން އެނގެން އޮންނަ ކަމަށެވެ.

ގަވާއިދުން ލޯނަށް ފައިސާ ނުދެއްކުމުން ޑިސެމްބަރު 30، 2014 ވަނަ ދުވަހުގެ ނިޔަލަށް އިންޓްރެސްޓުގެ ގޮތުގައި އަރާފައިވާ އެއްލައްކަ ފަސްދޮޅަސް އެއްހާސް އެއްސަތޭކަ އެގާރަ ރުފިޔާއާ އެކު ލޯނުގެ ޖުމްލަ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

އެ ފައިސާ ދައްކަން ހުކުމް ކޮށްފައި ވަނީ މަންދު ކޮލެޖު ހިންގަމުން އަންނަ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުގެ މައްޗަށެވެ.