ސައިކަލު ޓެކްސީގެ ޚިދުމަތް މާލޭގައި ދިނުމަށް ކުރިމަތިލި ބައެއް ކުންފުނިތަކަށް މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޚިދުމަތް ދިނުމުގެ ހުއްދަ ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މާލެއަކީ ވެރިކަން ކުރާ ސިޓީއެއްގެ ގޮތުން ކާރުބާރު ބޮޑު ތަނަކަށް ވެފައި، މާލޭގައި ދަތުރުފަތުރުގެ ފަސޭހަކަން ގާއިމުކުރުމަށް ސައިކަލު ޓެކްސީގެ ޚިދުމަތް ތައާރަފު ކުރަން މިނިސްޓްރީން ނިންމި ކަމަށެވެ.

ސައިކަލު ޓެކްސީގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމަށް މިނިސްޓްރީން ހުޅުވާލި ފުރުސަތު މިދިޔަ ހަފްތާގައި ހަމަވެފައިވާ އިރު، އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެކަމަށް ކުރިމަތިލީ ހަ ކުންފުންޏަކުންނެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ފަޔާޒް މޫސާ

މިނިސްޓަރު ސައީދު އިއްޔެ ވިދާޅުވީ ކުންފުނިތަކުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޖުލައި 26 ގެ ކުރިން ބައެއް ކުންފުނިތަކަށް ހުއްދަ ދީ، މިކަން ވެސް ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ސަން އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ހިދުމަތް ދިނުމަށް ލައިސަންސް ދިނުމުގައި މިނިސްޓްރީން އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ފަސޭހަކަމާ އެކު، ރައްކާތެރި ގޮތަކަށް ހިދުމަތް ދިނުމަށް ހުށަހަޅައިފައިވާ ފަރާތްތަކަށެވެ.