28 Jun 2016, 21:32
ސުޕްރީމް ކޯޓު (އެސްސީ)ގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސް ފައިސާ ދެ ގުނަ ބޮޑުކުރަން މާލިއްޔަތު ކޮމެޓީ އިން ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަނީ ކޮންމެ ބޭފުޅަކަށް އަހަރަކު 12،000 ރުފިޔާގެ މަގުންނެވެ. އެ ބޭފުޅުންގެ އަނބިންނާއި ފިރިންނާއި 18 އަހަރު ނުވާ ދަރިންނަށް ވެސް ހެލްތު އިންޝުއަރެންސް ދެމުން ގެންދަނީ ދައުލަތުގެ ހަރަދުގަ އެވެ.
ނަމަވެސްް އެލައިޑް އިންޝުއަރެންސުން ވަނީ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި އަހަރަކު ދައްކަންޖެހޭ އަދަދު 24،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި ވަޒީރުން ދައްކަންޖެހޭ ފައިސާގެ އަދަދު 19،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
އެހެންކަމުން މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން ފާސްކޮށްފައި ވަނީ އެލައިޑުން ހެލްތު އިންޝުއަރެންސް ދެވެން އޮތް އަގުގައި އެ ބޭފުޅުންނަށް އެ ހިދުމަތް ދިނުމަށެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސަބް ކޮމެޓީގެ ނިންމުން ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން 10 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިއަދުގެ މާލިއްޔަތު ކޮމެޓީ ބައްދަލުވުމުގައި ވަނީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ސުޕީރިއާ ކޯޓުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސް އަގު ބޮޑު ކުރަން ސަބް ކޮމެޓީ އިން ނިންމި ނިންމުމަށް ވެސް ތާއީދުކޮށްފަ އެވެ.
އިންޝުއަރެންސް ޕެކޭޖަށް އައި ބަދަލުތައް:
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މަޖިލީހުގެ ކޮންމެ މެމްބަރަކަށް އިސްޝުއަރެންސްގެ ގޮތުގައި އަހަރަކު ދައްކަމުން ދިޔަ 12،000 ރުފިޔާ، 24،000 ވަނީ ބޮޑުކޮށްފައި.
- ވަޒީރުންގެ ހެލްތު އިންޝުއަރެންސް: 12،000 ރުފިޔާއިން 19،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
- ހައި ކޯޓުގެ ފަނޑިޔާރުންނާއި ކޮމިޝަންތަކުގެ މެމްބަރުން: 10،000 ރުފިޔާއިން 14،500 އަށް ވަނީ ބޮޑުކޮށްފައި.
- ސުޕީރިއާ ކޯޓުތުގެ ފަނޑިޔާރުން: 7،500 ރުފިޔާއިން 12،000 އަށް ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
- މެޖިސްޓްރޭޓް ކޯޓުގެތަކުގެ ގާޒީން: 7،000 ރުފިޔާއިން 9،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
ދައުލަތުގެ ހުރިހާ އިސްވެރިންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަވަނީ އެލައިޑުންނެވެ. ސަބް ކޮމިޓީ އިން އެބޭފުޅުންގެ އިންޝުއަރެންސްގެ އަގު ބޮޑުކުރަން ފާސްކުރީ ހެލްތު އިންޝުއަރެންސްގެ ގޮތުގައި އެ ބޭފުޅުންނަށް ދައުލަތުން މިހާރު ދައްކަމުން ގެންދަވާ އަގުގައި އިންޝުއަރެންސް ދެވެން ނެތް ކަމަށް އެލައިޑް އިންޝުއަރެންސުން އެންގުމުންނެވެ.
ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސް ޕެކޭޖު ދެ ގުނަ ބޮޑު ކުރި ނަމަވެސް، ވަޒީރުންގެ އިންޝުއަރެންސް އެވަރަށް ބޮޑުކޮށްފައި ނުވަނީ، ބޭނުންކުރާ މިންވަރު މަދުވުމުންނެވެ.
ދައުލަތުގެ އިސްވެރިންނަށް ދެމުން ގެންދާ ހެލްތު އިންޝުއަރެންސްގެ ފައިސާ ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތަށް ވެސް މާލިއްޔަތު ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.
މިއަދު ކޮމެޓީ އިން ވަނީ މަޖިލީހުގެ އަމީންއާންމުގެ ފޯނު ބިލު ދައުލަތުން ދައްކައިދިނުމާ މެދުވެސް މަޝްވަރާކޮށްފަ އެވެ. އެގޮތުން މަޝްވަރާކޮށްފައި ވަނީ އަމީންއާންމުގެ ފޯނު ބިލަށް އަރާ މިންވަރު ދައުލަތުން ދައްކައިދޭނީތޯ ނުވަތަ ފޯނު އެލަވަންސުގެ ގޮތުގައި ވަކި މިންވަރެއް ހަމަޖައްސައިދޭނީތޯ އެވެ.
ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ، ފާއިތުވި ހަ މަސް ދުވަހު އަމީންއާންމުގެ ފޯނު ބިލަށް އަރާފައިވާ މިންވަރު ދިރާސާ ކުރުމަށްފަހު، އެކަށީގެންވާ ވަކި އަދަދެއް އެލަވަންސުގެ ގޮތުގައި ކަނޑައަޅައި އާންމު ކޮމެޓީ އަށް ފޮނުވުމަށެވެ.