އިސްލާމިކް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން މި މަހު 22 ވަނަ ދުވަހު ކޮލަމްބޯގައި ބާއްވާ، "ދައުވާ އިސްލާމިއްޔާ އެޓް ކޮލަމްބޯ"ގައި ބައިވެރިވެވަޑައިގަތުމަށް ޝައިހު އިބްރާހީމް ފަރީދު މިއަދު ފުރުއްވަން އެއާޕޯޓަށް ވަޑައިގަތުމުން އިމިގްރޭޝަނުން އޭނާ ފުރިޔަނުދީ ހިފެހެއްޓުމަށް ފަހު ފުރުމުގެ ހުއްދަ ދީފި އެވެ.

ޝައިހު ފަރީދު ފުރުވަން އެއާޕޯޓަށް ވަޑައިގެން ހުންނެވި އިސްލާމިކް ފައުންޑޭޝަންގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އިމިގްރޭޝަންގެ އޮފިޝަލުން ޝޭހު ފަރީދަށް ނުފުރުއްވޭނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް ފަހުން ފުރުމުގެ ހުއްދަ ދެއްވީ ޖިނާއީ ކޯޓުން ވަގުތުން ލިއުމެއް ގެނައުމުން ކަމަށެވެ.

ފަރީދު ފުރިޔަ ނުދީ އިމިގްރޭޝަނުން ހިފެހެއްޓީ ކީއްވެގެން ކަން ބުނެފައި ނުވާ ކަމަށް ސަން އަށް މައުލޫމާތު ދިން އިސްލާމިކް ފައުންޑޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ ފަރީދުގެ ދަތުރަށް ހުރަސްއެޅިކަން ފުލުހުންނަށް އެނގިފައި ނުވާ ކަމަށެވެ.