28 Jun 2016, 22:35
ޗައިނާގެ ވެރިރަށް ބެއިޖިންއަކީ ތަރައްގީގެ ގޮތުން ފާހަގަކޮށްލެވޭ ސިޓީއެކެވެ. ނަމަވެސް ތިމާވެށީގެ ގޮތުން އެ ސިޓީގެ ރައްޔިތުން ދަނީ އެތައް ކަމަކާ ކުރިމަތިލަމުންނެވެ. ވައި ތަގައްޔަރުވުމުގެ އުދަނގޫތަކާ ކުނިން ތަގައްޔަރުވެފައިވާ ކޯރުތަކުގެ އުދަނގޫ އެ ސިޓީގެ ރައްޔިތުން ވަނީ ތަހައްމަލު ކުރަމުންނެވެ.
ގާތްގަނޑަކަށް 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބައިޖިންގެ ރައްޔިތުން މިއަދު މި ވަނީ އިތުރު ކަންބޮޑުވުމަކާ ކުރިމަތިވެފަ އެވެ. އެ ސިޓީ އަޑިއަށް ދިއުމުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހިފަ އެވެ.
ބެއިޖިންގެ ތަހުގީގުވެރިންތަކެއް ހެދި ބައިނަލްއަގްވާމީ ދިރާސާއަކުން ދައްކާ ގޮތުން އެ ސިޓީގެ ބައެއް ޑިސްޓްރިކްޓް ތަކުން އަހަރަކު ހަތަރު އިންޗި ދަނީ އަޑިއަށް ދަމުންނެވެ. އެންމެ ބޮޑަށް އަޑިއަށް ގޮސްފައިވާ ކަމަށް ދިރާސާއިން ދައްކަނީ މެދުތެރޭގެ ޑިސްޓްރިކްޓްތަކެވެ.
ސެޓަލައިޓް ފޮޓޯތަކާއި ޖީޕީއެސް ޑޭޓާ ބޭނުންކޮށްގެން 2003 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށް އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް މިމަހުގެ ތެރޭގައި ނެރެފައިވާ އެ ދިރާސާއިން ދައްކާ ގޮތުން ސިޓީ އަޑިއަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ސިޓީގެ ދަށުގައިވާ ފެންފަށަލަ ތުނިވަމުން ދިއުމެވެ.
ބެއިޖިންއަކީ ދުނިޔޭގައި ބޭނުންވާ ވަރަށްވުރެ މަދުން ފެންހުރި ސިޓީތަކުގެ ލިސްޓުގެ ފަސްވަނައިގައި އޮތް ސިޓީ އެވެ. އެ ސިޓީގެ ގޭބިސީތަކުން ފެށިގެން އިންޑަސްޓްރީތަކާއި ދަނޑުވެރިކަމަށް ވެސް ބޭނުންކުރާ ފެނުގެ ބޮޑު ޕަސެންޓަކީ ވަޅު ފެނެވެ.
އެތައް ގުނައަކަށް ފެން ބޭނުންކުރުން ކޮންޓްރޯލް ނުކުރުމުގެ ސަބަބުން މީގެ ކުރިން ވެސް ޗައިނާއަށް ވަނީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެފައެވެ. އެގޮތުން މީގެ ފަސް އަހަރުކުރިން ޗައިނާގެ ދެކުނު ޗައިނާ ހަނަފަސްވެ ދަނޑުވެރިކަން ހުއްޓި އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުންވި އިރު، އެތައް މިލިއަން މީހުންނާއި ޖަނަވާރެއް ފެނަށް ޖެހުނެވެ.
ޗައިނާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ ސިޓީއަށް އަހަރަކު ގާތްގަނޑަކަށް 3.5 ބިލިއަން ލީޓަރުގެ ފެން ބޭނުންވެ އެވެ. (ސީއެންއެން)