28 Jun 2016, 20:34
އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި އެމްޑީޕީ ސަރުކާރުގައި އިމާރާތް ކުރަން ފެށި ފުލެޓުތަކަށް ސަރުކާރުން އެއްފަހަރާ ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވެ، ފްލެޓްތަކުގެ އަގު ބޮޑުވެފައިވާ މައްސަލަ ހިނގައިދިޔަ ގޮތް ބެލުމަށް ހާއްސަ އޮޑިޓެއް ކުރަން މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
އެ މައްސަލައިގައި ހާއްސަ އޮޑިޓެއް ކުރުމަށް ނިންމީ، އިއްޔެ ބޭއްވި އެ ކޮމިޓީގެ ސިއްރު ބައްދަލުވުމުގަ އެވެ.
އިއްޔެގެ ކޮމިޓީގައި ކުރިއަށް ދިޔައީ ޓާޓާ ކުންފުންޏައި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކާއި، އެއްބަސްވުމަށް ގެނެވިފައިވާ އިސްލާހުތަކާ ގުޅޭ ލިޔުންތައް ހުށަހެޅި އެ ލިޔުންތައް ދިރާސާ ކުރުމެވެ.
މިއަދު ކުރިއަށް ދިޔަ މާލިޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކޮމިޓީ ސިއްރު ކުރީ އެއްގޮތަކަށް ވެސް މައުލޫމާތު ތަކެއް މީޑިއާ އަދި ރައްޔިތުންނަށް ސިއްރު ކުރުމުގެ މަގުސަދުގައި ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކަށް ވީ އަޅުގަނޑުމެންނަށް ލިބުނު އެގްރީމަންޓުތައް ކިޔާލަން ވަގުތު ކޮޅެއް ހޯދާލަން،" ނިހާނު ވިދާޅުވީ އެވެ.
ނިހާނު ވިދާޅުވީ މިހާރު އެގްރީމަންޓުތައް ދިރާސާ ކުރުން އީދު ޗުއްޓީއަށް ފަހު ތާވަލުކުރެވިފައިވާ ކަމަށެވެ. މިހާރު އެގްރީމަންޓާ ގުޅުން ހުރި އަށް ވަރަކަށް ލިޔުން ލިބިފައިވާ ކަމަށާއި، މައްސަލައާ ގުޅޭ އިތުރު ލިޔުންތައް ހޯދުމުގެ މަސައްކަތް ވެސް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ކޮމިޓީގައި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ފްލެޓުތަކުގެ އަގު މައްޗަށް ދިޔަ ގޮތް އެނގެން ޖެހޭ ކަމަށެވެ.
"ފްލެޓުތައް ސަރުކާރާ ހަވާލުކުރާތާ 90 ދުވަސް ތެރޭ އަށާރަ މިލިއަން ޑޮލަރު ދައްކަން އެބަ ޖެހޭ. 50 އަހަރު ދުވަސް ވަންދެން ގާކޮށި ވެސް އަދި ކުރީގެ އަރަބިއްޔާވެސް ގްރައުންޑާ ފަސްޓް ފްލޯ އެއީ އެމީހުނަށް 50 އަހަރަށް. އެއްވެސް ކުއްޔަކާ ނުލާ. އެމީހުން އެތެރެ ކުރި ހުރިހާ އެއްޗެއްގެ މުދަލެއްގެ ޑިއުޓީ ފްރީ. އަދި އެތައް ބައިވަރު ސަބްސިޑީއެއް އެތައް މިލިއަން ރުފިޔާ ހުރިހާ ސަރުކާރަކުން ދީފައި އެހުރީ. އެހާ ބޮޑެތި އިނާޔަތްތަކެއް ދީގެން ކޮށްފައި އޮތް ކަމެއް މިއީ،" ރިޔާޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ޅ އަތޮޅުގެ ރަށެއް ވެސް ރިސޯޓު ތަރައްގީ ކުރަން ޓާޓާ އަށް ދީފައިވާއިރު އެމީހުން އަޅައިދިން ފްލެޓުތަކެއް، ރައްޔިތުންނަށް އަތް ނުފޯރާ އަގެއްގައި ވިއްކާ ނަމަ އެވާހަކަ ރައްޔިތުން ދައްކާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ގޯސްކުރަންވީ ވާހަކަ ދައްކާ މީހުން ނޫން ކަމަށާއި، ފުރަތަމަ ބަލަންވީ އެވަރުގެ އަގެއް ނަގައިގެން އެ މަސައްކަތް ކުރަން ޖެހުނު ގޮތް ކަމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ޓާޓާ ފްލެޓުތައް ހަވާލު ކުރި ފަހުން ތިން ސަރުކާރެއް އައިސްފައިވާ ކަމަށާއި، ވަރަށް ގިނަ މައުލޫމާތު ތަކެއް ހޯދައި ބަދަލު އައީ ކޮން އިރަކު ކިހިނެތް ކަން ބަލަން ޖެހޭ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ސޯލިހު (އިބޫ) ވިދާޅުވީ ފުރަތަމަ ވެވުނު އެއްބަސްވުމުގައި އޮތީ 25 އަހަރުގެ ތެރޭގައި މަހަކު 400 ޑޮލަރު ދައްކާ ގޮތަށް ކަން އެނގެން އޮތް ކަމަށާއި، މިހާރު ބަލަން ޖެހެނީ ހައުސިން ޔުނިޓަކަށް މަހަކު 33،000 ރުފިޔާ ދައްކަން ޖެހުނު ސަބަބު ކަމަށެވެ.
"އެއީ ކޮން އިރަކު ކޮން ބަޔަކު ގެނައި ބަދަލަކުން ދިމާވި ކަމެއްތޯ ބަލަންވީ،" އިބޫ ވިދާޅުވި އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މައްސަލައަކީ ޓާޓާ ނޫން ކަމަށާއި މައްސަލަ އަކީ މަސައްކަތް ހަވާލު ކުރި ފަރާތް ކަމަށެވެ. އަދި ބަޔަކު މަސައްކަތެއް ކުރަން އަންނަ އިރު ބަލާނީ އެމީހުންނަށް ނެގެން އޮތް ހުރިހާ ފައިދާ އެއް ނެގޭނެ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ދިމާވަމުން ދާއިރު އަދިވެސް އަޅުގަނޑުމެންގެ މަގުސަދު މި ހުރީ ހަމަ ޕްރޮޕޯސަލެއް ހިފައިގެން އަންނަ އިރަށް ބިޑަކާ ނުލައި ކަންކަން ކުރުމުގެ ނިޔަތް،" ސަލީމް ވިދާޅުވި އެވެ.
މިއަދުގެ ކޮމިޓީގައި ކުރިއަށް ދިޔައީ ޓާޓާ ފްލެޓްތަކާ ގުޅިގެން މި އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މާލިޔަތު ކޮމިޓީއަށް، ހ. ކަޅުކުރުގެ، އަބްދުﷲ ޒަކަރިއްޔާ ފޮނުވާފައިވާ ސިޓީއާ ގުޅިގެން މަޝްވަރާކޮށް ގޮތެއް ނިންމުމެވެ. އެ ސިޓީގައި ފްލެޓުތަކުގެ އަގު ބޮޑުވުމުގެ އިތުރުން، ޓާޓާ އަށް ހުސް ބިންތަކެއް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.