ދިރުވާލައިގެން އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލުމާއެކު އޭނާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އެ ކޯޓުން އިއްޔެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ސ. މަރަދޫ، ނޫކޮކާގެ، އުމުރުން 36 އަހަރުގެ މައުސޫމް ރަޝީދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ 11:10 ހާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓަކުން އޭނާ އައިއިރު ދިރުވާލައިގެން މަސްތުވާތަކެތި ގެނެސްފައިވާ މައްސަލައާ ގުޅިގެންނެވެ.

އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ޓާމިނަލްގައި ހުއްޓަ އެވެ.

އޭނާ ހައްޔަރުކުރިއިރު މަސްތުވާތަކެތި ދިރުވާލައިގެން ހުރިކަމަށް ތުހުމަތުކުރެވިގެން، ފުލުހުންގެ ބެލުމުގެ ދަށުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، ބޭސްދީގެން އޭނާގެ ބޮޑުކަމުދާތަކެތި ނަގާފައިވާ ކަމަށާއި އެތަކެތީގެތެރެއިން 92.8022 ގްރާމް ޑައިމޯފިން ހުރި 9 ބުލެޓު އޮތް ކަމަށް ތަހުލީލު ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މާޗް 27 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި މައުސޫމް ވަނީ ދައުލަތުން ކުޅަ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި އެއީ ފައިސާގެ ދަހިވެތިކަމުގައި އޭނާ އެތެރެކުރި މަސްތުވާތަކެތި ކަމަށް އެނގެން އޮންނަ ކަމަށް ކޯޓުން ކޮށްފައިވާ ހުކުމުގައިވެ އެވެ.

ޖޫރިމަނާގެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި މަރަދޫ ކޯޓަށް ދެއްކުމަށް އެ ހުކުމްގައި މައުސޫމަށް ވަނީ އަންގާފަ އެވެ.