މަސްތުވާތަކެތި ގެންގުޅުނު މީހަކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ ހއ. ދިއްދޫ ސެގޯލިލީ، ހުސައިން އިރުފާދު މުޖުތަބާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ގ.ކަޅަގާރިާމގޭގައި އޭނާ މަސްތުވާތަކެތި ފޮރުވައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެގެއަށް ފުލުހުން ގޮސް ޗެކްކުރި އިރު މަސްތުވާތަކެތި ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

އެ މަސްތުވާތަކެތި ފެނުނީ މަސްތުވާތަކެތި ފޮރުވާފައި ހުރިތަން އޭނާ ދެއްކުމުން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެގެއިން ފެނުނު ތިން ރަބަރު ޕެކެޓެއްގައި 6810.1 ގްރާމް ޑައިމޯފިން ހުރިކަމާއި އަދި އެގެއިން ފެނުނު އިތުރު އަށް ރަބަރު ޕެކެޓުގައި 4396.22 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އިރުފާދަށް ވަނީ އަންގާފަ އެވެ.