28 Jun 2016, 16:07
ޕާކިސްތާން ސަރުކާރުން ރާއްޖެ އަށް 100 ޑޮކްޓަރުން ފޮނުވަން ނިންމައިފި އެވެ.
ޕާކިސްތާން އޮބްޒާވާ ނޫހުން ބުނީ، ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ އެ ޑޮކްޓަރުން ރާއްޖެ އަށް ފޮނުވާނީ އެއް އަހަރަށް ކަމަށެވެ. އަދި މުއްދަތު ދެ އަހަރަށް އިތުރުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ނޫހުން ބުނީ، ރާއްޖެ އަށް ފޮނުވާ ޑޮކްޓަރުންނަކީ އެމްބީބީއެސް ފެންވަރުގެ އަދި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނެވެ. އަދި ފޮނުވާ ޑޮކްޓަރުންނަށް 2000 އެމެރިކާ ޑޮލަރު (30،840 ރުފިޔާ)ގެ މުސާރައަކާ އެކު އެކޮމޮޑޭޝަނާއި ކެއުން ފަދަ ކަންކަން ވެސް ހަމަޖައްސައިދޭނީ ޕާކިސްތާނުގެ ސަރުކާރުން ކަމަށް ނޫހުގައިވެ އެވެ.
މިއީ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޕާކިސްތާން ރާއްޖެއަށް ޑޮކްޓަރުން ފޮނުވަން ނިންމާފައިވާ ކަމަށް ބުނެފައިވާއިރު، އެ ޑޮކްޓަރުން ރާއްޖެ އަންނާނީ ކޮންއިރަކު ކަމެއް ނޫހުގައި ބުނެފައެއްނުވެ އެވެ.
ނަމަވެސް އެ ނޫހުގައި ބުނެފައިވަނީ، ޕާސްކިތާނުގެ މިނިސްޓްރީ އޮފް ނެޝެނަލް ހެލްތު ސާވިސަސް ރެގިއުލޭޝަން އެންޑް ކޯޑިނޭޝަނުން އެގައުމުގެ ޕްރޮވިންސްތަކުގެ ސިއްހީ ހިދުމަތްތަކާ ބެހޭ ސެކްރެޓަރީ އަށް އެކަން ސިޓީ އަކުން އަންގާފައިވާ ކަމަށެވެ.