ށ. ފީވަކާއި އެއަތޮޅު ފޯކައިދޫއިން ފުރުޓް ފުލައި ކޮންޓުރޯލްކޮށްފި އެވެ.

މިދިޔަ އަހަރު ތެރޭގައި ފުރަތަމަ ފުރުޓް ފުލައި ފެނިފައި ވަނީ ފީވަކުންނެވެ. ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް ހައްދާ އެރަށުގެ ދަނޑުވެރިކަމަށް އެކަމުގެ ސަބަބުންވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

ފިޝަރީޒު މިނިސްޓްރީ އިން މިއަދު ބުނީ އެސޫފި ނައްތާލާ ޓުރެޕް އެރަށްރަށަށް ގެންގޮސް ކައުންސިލް މެދުވެރިކޮށް މޮނީޓާ ކޮށްފައިވާ ކަމަށެވެ.

އެއަށް ފަހު މިދިޔަ މެއި މަހު އެމިނިސްޓްރީގެ ޓީމެއް އެދެރަށަށް ގޮސް ބެލިބެލުމުން އެރަށްރަށުގައި ފުރުޓް ފުލައި ކޮންޓުރޯލް ކުރެވިފައިވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

ފުރުޓްފުލައި އެ ދެ ރަށުގައި ނެތްކަން ޔަގީން ކުރެވިފައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި އެދެ ރަށުން ނުވަތަ އެހެން ރަށަކުން ވެސް ފުރުޓް ފުލައި ފެނިދާނެތީ ސަމާލުވުމަށް ފިޝަރީޒު މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

ފުރުޓް ފްލައި އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އުޅޭ އަދި އޭގެ ސަބަބުން އެ ގައުމެއްގައި ހައްދާ މޭވާ އާއި ތަރުކާރީއަށް އެންމެ ބޮޑަށް ގެއްލުންދޭ އެއް ސޫތްޕެކެވެ. އޭގެ ސަބަބުން ގަހުން ލިބޭ ގޮވާމުގެ 90 ޕަސެންޓް ނުވަތަ 100 ޕަސެންޓު މޭވާ ބައެއް ފަހަރު ހަލާކުވެގެންދެ އެވެ.

ފުރުޓް ފްލައި ގެއްލުންދޭ މޭވާތަކުގެ ތެރޭގައި އަނބު، ޖަނބުރޯލު، ފަޅޯ، ފޭރު، މިރުސް، ލުނބޯ، ޓޯމާޓޯ، ކެޕްސިކަމް، ބަނބުކެޔޮ، ކިއުކަމްބާ އަދި އެކިވައްތަރުގެ މޭވާ އާއި ތަރުކާރީ ހިމެނެ އެވެ.