28 Jun 2016, 15:43
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން، އިތުރު އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ދިރާގުން ސްޕޮންސާކޮށްފި އެވެ.
ދިރާގާއި ކުޑަކުދިންގެ ހިޔާއާ ދެމެދު ވެވިފައިވާ އެ އެއްބަސްވުން މިއަދު އިތުރު އަހަރަކަށް އާ ކުރި އިރު، ދިރާގުން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން އެތަނުގެ ޓީޗަރުން ސްޕޮންސާ ކުރަމުންނެވެ.
ދިރާގުން މިހާރު ވެސް އަންނަނީ އެކި ގޮތްގޮތުން ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއަދު އާކުރި އެއްބަސްވުމާ ގުޅިގެން ކުރިޔަށް އޮތްތަނުގައި ވެސް ދިރާގާއި ކުޑަކުދިންގެ ހިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމުގައި ދިރާގުން ނެރުނު ބަޔާނެއްގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ސްޕޮންސާ ކުރުމުގެ އިތުރަށް ދިރާގުން މިހާރު ވެސް އަންނަނީ ކުޑަކުދިންގެ ހިޔާއަށް 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާ އެކު ހިލޭ އިންޓަނެޓް ފޯރުކޮށްދެމުން ކަމަށެވެ. އަދި 2013 ވަނަ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ދެ ކޮމްޕިއުޓަރު ލެބާ އެކު ލައިބްރަރީ ސެޓަޕެއް ވެސް ޤާއިމުކޮށްފަ އެވެ.
މީގެ އިތުރުން ވެސް ދިރާގުން އަންނަނީ ކޮންމެ އަހަރެއްގެ ސްކޫލް ބަންދާ ދިމާކޮށް އެކުދިންނަށް މަޖާ އުފާވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ނުވަތަ އެފަދަ ކޮންމެ ވެސް ހަރަކާތެއް ރާވައިދެމުންނެވެ.
ކުޑަކުދިން ހިމާޔަތްކުރުމާއި އެކުދިންނަށް އަޅާލާ އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް ކަމަށް ދިރާގުގެ ބަޔާނުގައިވެ އެވެ.
އެގޮތުން މިއަހަރުގެ ކުރީކޮޅު ދިރާގުންވާނީ އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެން އޮންލައިން ޗައިލްޑް ސޭފްޓީ ޕްރޮގްރާމެއް ހިންގާފަ އެވެ. އަދި ހަމަ މި އަހަރު އޯޓިޒަމް އެސޯސިއޭޝަނުގައި އިންޑޯ ޕްލޭ އޭރިޔާއެއް ޤާއިމުކޮށް، ކެއަރ ސޮސައިޓީއަށް ބޭނުންވާ ތަފާތު ތަކެތި ހަދިޔާކޮށްފައިވެ އެވެ. އެޔާ އެކު މިދިޔަ މަހުގެ ތެރޭގައި، ސ.ހިތަދޫ އަލް-ނޫރު ސެންޓަރު، އަދި ލ. އަތޮޅު ގަން ތުނޑި އަދި މަތިމަރަދޫގެ އިތުރުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ކްލާސްތަކަށް، ކޮންމެ ކްލާހަކަށް 100،000 ރުފިޔާގެ ތަކެތި ހަދިޔާކޮށްފަ އެވެ.
ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނާ ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.