19 May 2011, 16:54
ކަތްމަންޑޫ : ހިމާލިޔާ ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ އެންމެ އުސްފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް އަރަން ކުރެއްވި މަސައްކަތުގައި ނޭޕާލުގެ ކުރީގެ ޚާރިޖީ ވަޒީރު ޝިލިންދްރަ ކުމާރު އަވަހާރަވެއްޖެވެ އެވެ.
އުމުރުން 82 އަހަރުގެ ކުމާރު، މައުންޓް އެވަރެސްޓަށް އަރަން މަސައްކަތްކުރެއްވީ އެފަރުބަދައަށްއަރާ އެންމެ މުސްކުޅި މީހާގެ ރެކޯޑް މުގުރާލެއްވުމުގެ ބޭނުމުގަ އެވެ. އޭނާ އަވަހާރަވީ މައުންޓް އެވަރެސްޓާ ވަރަށް ގާތަށް އެރުއްވިތަނާ އެވަރލާންޗެއް ކުރިމަތިވެ ވަޑައިގެންނެވެ.
ކުމާރު އަވަހާރަވި ޚަބަރު ދީފައިވަނީ އޭނާގެ ދަތުރު އިންތިޒާމްކުރި ނޭޕާލުގެ ކުންފުނި ކަމަށްވާ "ހިމާލިޔަން ހެރިޓޭޖް ޓްރިކިންގ ލޭންޑް އެކްސްޕެޑިޝަން" އިންނެވެ. މައުންޓް އެވަރެސްޓަށް އެރި އެންމެ މުސްކުޅި މީހާގެ ރެކޯޑް މިހާރު އޮންނަނީ ނޭޕާލުގެ ރައްޔިތެއްކަމަށްވާ މީން ބަހާދުރު އަށެވެ.
ބަހާދުރަކީ ނޭޕާލުގެ ސިފައިންގެ ލަޝްކަރުތަކުގައި ކުރިން އުޅުއްވި ބޭފުޅެކެވެ. އޭނާ އެވަރެސްޓް ފަރުބަދައަށް އަރާފައިވަނީ 2008 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ 76 އަހަރެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓް ގެ އުސްމިނުގައި 8 ހާސް 8 ސަތޭކަ 48 މީޓަރު ހުރެއެވެ. މިއީ ގާތްގަނޑަކަށް 9 ކިލޯމީޓަރުގެ އުސްމިނެވެ. މައުންޓް އެވަރެސްޓަށް އެރުމުގެ ފުރްސަތު ނޭޕާލުން ހުޅުވާލީ 1953 ވަނަ އަހަރުއެވެ.
އެއަށްފަހު އެފަރުބަދައަށް އެރުމަށްޓަކައި އެތަށް ހާސްބަޔަކު މަސައްކަތްކޮށް 3 ހާސް މީހުން ކާމިޔާބު ކަމާއެކު އެފަރުބަދައަށް އަރާފައިވެއެވެ. ނަމަވެސް އެފަރުބަދައަށް އެރުމުގެ މަގުމަތީގައި ކުރިމަތިވި ތަފާތު ޙާދިޘާތަކުގައި އެތަށް ސަތޭކަ ބަޔަކު މަރުވެފައިވެއެވެ.
މައުންޓް އެވަރެސްޓަށް އެންމެ ގިނައިން އެރުމުގެ ރެކޯޑް މުގުރާލާފައިވަނީ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ޝިރްޕާ އަބާ ޝިރްޕާ އެވެ. އޭނާ މިހާތަނަށް 20 ފަހަރު އެފަރުބަދައިގެ އެންމެ އުސްހިސާބަށް އަރާފައިވެއެވެ. (ނޫސްއެޖެންސީތައް)