28 Jun 2016, 15:09
ގެސްޓްހައުސްތަކުން ނަގާ ގްރީން ޓެކްސް ތިން ޑޮލަރަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އިން މިއަދު ނިންމައިފި އެވެ.
އެގޮތަށް ނިންމާފައި ވަނީ މިއަދު ހެނދުނު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީއިންނެވެ.
މިއަދުގެ ކޮމިޓީގައި ވަނީ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެއުމަށް ނިންމައިފަ އެވެ. އެގޮތުން ޓޫރިޒަމް ގާނޫނުގެ 35 ވަނަ މާއްދާގެ އ. އަށް މިއަދު ވަނީ އިސްލާހު ހުށަޅައިފަ އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުން އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ޓެކްސް ނެގޭނެ ކަމަށެވެ.
މީގެ ކުރިން އިގްތިސާދީ ކޮމިޓީން ނިންމާފައި ވަނީ ގްރީން ޓެކްސްގެ ގޮތުގައި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ދުވާލަކަށް ބޮލަކަށް ހަތަރު ޑޮލަރު ނެގުމަށެވެ.
ނަމަވެސް އިގްތިސާދީ ކޮމިޓީގެ އެޖެންޑާގައި ބިލުގެ މަސައްކަތް ހިމަނައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 78 ވަނަ މާއްދާގެ ދަށުން މަސައްކަތް ފުރިހަމަކޮށް މަޖިލީހުގެ ކޮމިޓީއަށް އެ ބިލު ފޮނުވުމުން، ބިލަށް އިސްލާހު ހުށަހެޅުމަށް ފުރުސަތުދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަނީ އެ ބިލު ފޮނުވާފަ އެވެ.
އެ ފުރުސަތުގައި ބިލަށް ހުށަހެޅި ފަސް އިސްލާހުގެ ތެރެއިން ކޮމެޓީ އިން ފާސްވެފައި ވަނީ އެއް އިސްލާހުކަމަށް މަޖިލީހުން އާންމުކުރި ރިޕޯޓްގައިވެ އެވެ. އެއީ ޓޫރިޒަމް ގާނޫނުގެ 35 ވަނަ މާއްދާ (ގްރީން ޓެކްސްއާ ގުޅޭ ބައި) އަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ތާއީދުކުރައްވާފައިވާ އިސްލާހެވެ.
ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން، އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހެއްގައި ބޮލަކަށް ހަ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގާ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އެވެ.
ޓޫރިސްޓް ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާތަކަށް އަންނަ ޓޫރިސްޓެއްގެ އަަތުން ރެ އަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި އަންނަނީ ނަގަމުންނެވެ.