28 Jun 2016, 16:05
މަޝްހޫރު ސްމާޓްފޯން ކުންފުނި އެޕަލް އިން މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އައިފޯން 7 ހުންނާނެ ގޮތް ބަލާލުމަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިވަމުންނެވެ. އެފޯނުގެ އެކިކަހަލަ ވާހަކަތައް އަންނަނީ އެކިކަހަލަ ވެބްސައިތްތަކުގައި ތިލަވަމުންނެވެ.
އައިފޯން އިން އެންމެ ފަހުން ރިލީޒްކުރި އައިފޯން 6 އަކީ ސްމާޓްފޯން ބާޒާރުގައި ހައި ކޮލެޓީ ކެމެރާއެއް ހިމެނޭ އެއް ފޯނާމެދު ދެބަހެއް ނުވެވޭނެ އެވެ. ނަމަވެސް މިހާރު މިވަނީ އައިފޯން 7 ގައި އައިފޯން 6 އަށްވުރެ ވެސް ކޮލެޓީ ކެމެރާއެއް ހިމެނޭނެ ކަމުގެ އަޑުތައް ގަދަވެފަ އެވެ.
ރިލީޒްނުވާ ޑިވައިސްތަކުގެ މައުލޫމާތާއި ފޮޓޯ ލީކްކުރުމަށް މަޝްހޫރު ފްރާންސްގެ ވެބްސައިޓެއް ކަމަށްވާ "ނޯވެއާއޭލްސް" އިން މި މަހުގެ 25 ވަނަ ދުވަހު ލީކްކުރި އައިފޯން 7ގެ ކަވަރު މެޓަލް ކަވަރުގެ ފޮޓޯތަކުން ފެންނަގޮތުން ކެމެރާ ސެންސާ އިންނަ ތަން އައިފޯން 6 އަށްވުރެ ބޮޑެވެ.
އެޕަލްގެ ކެމެރާ މޮޅުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބެނީ އެޕަލް އިން 2015 ވަނަ އަހަރު އިސްރާއީލްގެ މަލްޓި ލެންސް ކެމެރާ ސިސްޓަމްސް އުފައްދާ ކުންފުންޏެއް ކަމަށްވާ ލިންއެކްސް ކުންފުނި ގަތުމެވެ.
މީގެ އިތުރުން އައިފޯން ހަތެއްގެ ކެމެރާގައި ޑުއަލް ޝޫޓިން މޯޑް ފަދަ ހާއްސަ ފީޗާތަކެއް ހިމެނުމަށް އެޕަލް އިން ވަނީ މީގެ ކުރިން މަސައްކަތްކޮށް، އެކަމުގެ ކޮޕީ ރައިޓްސް އަކަށް އެދިފައެވެ.

އައިފޯން 7ގެ ކަވަރެއް ކަމަށްބުނެ "ނޯވެއާއޭލްސް" އިން ލީކްކޮށްލައިގެން އުޅޭ ކަވަރުގެ ފޮޓޯއެއް: އެ ފޮޓޯގައި ކަވަރުގެ މަތީގަ އާއި ތިރީގައި ވެސް ސްޕީކަރު ލޯވަޅުތައް ހުރޭ ----
މިހާތަނަށް ލީކްވެފައިވާ ފޮޓޯތަކާ ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު، އައިފޯން 7 ގެ ޑިޒައިނަށް މާ ބޮޑު ބަދަލެއް ނާންނާނެ އެވެ. އެ ހުންނާނީ އައިފޯން 6 އަދި 6 އެސް ވެސް ހުންނަ ގޮތަށެވެ. އެހެން ނަމަވެސް ކުޑަކުޑަ ބަދަލެއް އަންނާނެ އެވެ. އެއީ ފޯނުގެ ތިރީގައި ހުންނަ، ހެޑްފޯން ޖަހާ ޖެކު ނެތުމެވެ.
އޭގެ މާނައަކީ ފޯނު ކުރިޔަށް ވުރެ ބޮޑަށް ތުނި ވާނެ އެވެ. އަދި އެ ފޯނު ވޯޓާ ރެސިސްޓަންޓް ކޮށްލެވިދާނެ އެވެ.
ލީކް ކޮށްލާފައިވާ އައިފޯން 7ގެ މެޓަލް ކަވަރުން ވެސް އެކަން ފެނެއެވެ. ކަވަރުގައި ލައިޓްނިން ކަނެކްޝަން ޕޯޓް ނޫން އެހެން ޕޯޓެއް ނެތެވެ. ހެޑްފޯނު ޖަހަން ޖެހޭނީ ފޯނު ޗާޖުކުރަން ބޭނުންކުރާ ޕޯޓަށެވެ. ބެލެވޭ ގޮތުގައި ޗާޖަރު ޖަހާ ފޯނު ނުވަތަ "ލައިޓްނިން ކަނެކްޓާ" އަށް ހެޑްފޯނު ޖެހުމުން އޯޑިއޯ ކޮލިޓީ މާ ރަނގަޅު ވާނެ އެވެ.
ކަވަރުގައި ދެން ފާހަގަކޮށްލަން ޖެހެނީ ފޯނުގެ މަތީގަ އާއި ތިރީގައި ސްޕީކަރު ލޯވަޅުތައް ހުރުމެވެ. އެކަމުގެ ސަބަބުން އައިފޯން 7ގެ އޯޑިއޯ އިހުނަށް ވުރެ ކުޅަދާނަ ވާނެ ކަމަށްވަނީ ބެލެވިފައެވެ.