މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ދިވެހިރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމު އަދި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ޔޫތު ޗެލެންޖް ފެއާ މި އަހަރު ވެސް ބޭއްވުމަށް ހަމަޖައްސައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ފެއާގައި ޒުވާނުންނަށް ހުރި ތަފާތު ފުރުޞަތުތައް ދައްކުވައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން "ދަ އޮޕޮޗުނިޓީ ޕޫލް" ޝިއާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އަހަރުގެ ފެއާގެ މަގުސަދަކީ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް ތައުލީމާއި ތަމްރީން އަދި ވިޔަފާރިކުރަމުން ގެންދާ ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތައާރަފްކުރަން ބޭނުންވާ އުފެއްދުންތައް ޕްރޮމޯޓްކުރުން ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން ވިޔަފާރިތަކުން އުފެދިފައިވާ ވަޒީފާތައް އަދި މަސައްކަތުގެ ދާއިރާ އިން ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ ބާޒާރުގައި ހުރި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް(ދަސްވާރު) ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތާއި ވިޔަފާރީގެ ދާއިރާގައި ބޭނުންވާ ތައުލީމާއި ތަމްރީންތަކުގެ މައުލޫމާތުތައް ފޯރުކޮށްދީ އަދި އިޖްތިމާއީ މަސައްކަތުގައި ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދިނުން ހިމެނޭކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް ހަތަރެއް، ފަހެއް އަދި ހަވަނަ ދުވަހުގަ އެވެ. ފެއާގައި ބައިވެރުމަށް ކުރަން ޖެހޭ ކަމަކީ ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށް ފަހު މާފަންނު ޒުވާނުންގެ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭ 3ވަނަ ފަންގިފިލާ ) ކައުންޓަރުންނާއި ޒުވާނުންގެ މަރުކަޒު (މާފަންނު ސޯޝިއަލްސެންޓަރު) ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓްwww.youth.gov.mvއިންވެސް ލިބެންހުންނާނެ އެވެ. ފޯމުތައް ބަލައިގަންނާނީ ޒުވާނުންގެ މަރުކަޒުގެ ކައުންޓަރު އަދި[email protected]މެއިލްއިންނެވެ.

ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 18 ޖުލައި 2016 ވާ އާދިއްތަ ދުވަހުގެ 13:00 ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.