28 Jun 2016, 16:02
ރާއްޖޭގައި އިންސާފުވެރި ސިޔާސީ މާހައުލެއް ގާއިމު ކުރުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ތިއްބެވި ފަސް މެމްބަރުން އިސްތިއުފާ ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި ރައްޔިތުންނާއި ގައުމުގެ ހައްގުގައި އީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމަށް އަދާލަތު ޕާޓީ އިން ގޮވާލައިފި އެވެ.
އެ ޕާޓީ އިން އެހެން ބުނެފައި ވަނީ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއިކުރައްވައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި އަލީ ޒާހިރު ވަނީ އީސީގެ މެމްބަރުންނާއި އެ ކޮމިޝަނުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އެގޮތުން އީސީ އިން އަދާލަތު ޕާޓީއާއި މުއާމަލާތް ކުރުމުގައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ގަސްދުގައި އަދާލަތު ޕާޓީ ވުޖޫދުން ނެތިކޮށްލާ ވަކި ސިޔާސީ ފަރާތްތަކަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެ ޕާޓީ އިން ދެކޭ ކަމަށް ސިޓީގައިވެ އެވެ.
އަދި "އެއްވެސް ޝަރުއީ ކޯޓެއްގެ ބަހެއް ނެތި، އަދި އެއްވެސް ތަހުގީގު ކުރުމެއް ނެތި، ޕާޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކާ ނުލާ، އަމަން ނަގާލި ކަމުގެ ތުހުމަތުގައި" އެ ޕާޓީ ދެ ހަފަރެއްގެ މަތިން ޖޫރިމަނާ ކުރި މައްސަލަ އާއި ސާފު އިނގިލީގެ ނިޝާނާ އެކު ޕާޓީގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާ "އަދާލަތު ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމު"، އިނގިލީގެ ނިޝާން ކަށަވަރު ނުވާކަމަށް ބުނެ އަނބުރާ ފޮނުވާލާ މައްސަލައެއް ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި ތަކުރާރުކޮށް އޮޅުން ފިލުވަން މަސައްކަތް ކޮށްގެންވެސް އިނގިލީގެ ނިޝާން ތިޔަ ކޮމިޝަނަށް ކަށަވަރު ނުވެގެން އުޅޭ ސަބަބެއް ސާފުކޮށްދެވިފައެއް ނުވެ އެވެ." ސިޓީގައިވެ އެވެ.
އަދާލަތުން ބުނީ އިނގިލީގެ ނިޝާން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން އިލެކްޝަން ކޮމިޝަނުން ފުލުހުންގެ މުއައްސަސާއަށް ހަވާލުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.