28 Jun 2016, 16:11
އޭޝިއާގެ ޒުވާނުންގެ މެދުގައި ސައިންސާއި ޓެކްނޮލޮޖީ އާމެދު ޝައުގުވެރިކަން އުފައްދާ އެކަން ޕްރޮމޯޓްކޮށް ޖަޕާނުގައި ބާއްވަމުން އަންނަ ސައިންސް މައުރަޒެއްގައި ރާއްޖޭގެ ދިވެހި ދަރިވަރު ބައިވެރިވާން ނިންމައިފި އެވެ.
"ސަކުރާ ސައިންސް ޕުލޭން ފޮ ހައި ސްކޫލް ސްޓޫޑަންޓްސް"ގެ ނަމުގައި ބާއްވަމުން އަންނަ އެ ސައިންސް މައުރަޒަކީ ޖަޕާނުގެ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އިސްނަގައިގެން ސަކުރާ ސައިންސް ޕްލޭން ޕްރޮމޯޝަން އޮފީސް އަދި ޖަޕާން ސައިންސް އެންޑް ޓެކްނޮލިޖީ އެޖެންސީން ބާއްވަމުން އަންނަ މައުރަޒެކެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ޖުލައި މަހުގެ ތިނަކުން ނުވަ އަކަށް ބާއްވަން ނިންމާފައިވާ އެ މައުރަޒުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ސީއެޗްއެޗްސީގެ ދެ ދަރިވަރުންނާއި އޮފިޝަލެއްގެ އިތުރުން ވިލާ ކޮލެޖާއި އައްޑޫ ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރެކެވެ.
ޖަޕާނަށް ދިވެހި ދަރިވަރުން ކުރާ ދަތުރުގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ އެވޯޑްތަކެއް ހޯދާފައިވާ ތަޖުރިބާކާރު ބޭފުޅުން ދެއްވާ ލެކްޗާ ތަކަށާއި ތަހުގީގީ އިންސްޓިޓިއުޓް ޔުނިވާސަޓީތަކަށް ޒިޔާރަތްކުރާނެ އެވެ،
މީގެ އިތުރުން ޖަޕާން ހައި ސްކޫލް ދަރިވަރުންނާ އެކު ދަރިވަރުން ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޖަޕާނުގައި ބާއްވާ އެ ސައިންސް މައުރަޒުގައި ބައިވެރިވާ ދިވެހި ދަރިވަރުންނާ މިއަދު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުކުރުމުގައި ދަރިވަރުންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސައިންސްގެ ވިސްނުން ސްކޫލްތަކުގައި ހަރަދުނާކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ.
އަދި ވިދާޅުވީ، ރާއްޖޭން ބޭރުގައި ބާއްވާ އެކްސްޗޭންޖު ޕްރޮގްރާމްތަކުގައި އެހެން ގައުމުތަކުގެ ދަރިވަރުންނާ އެއް ހަމައެއްގައި ދިވެހި ދަރިވަރުން ކުރި ހޯދަމުންދާ ކަމަށާއި އަދި މިހާތަނަށް އައިއިރުވެސް ދިވެހި ދަރިވަރަކާ ގުޅިގެން އެއްވެސް ހިތްހަމަނުޖެހޭ ކަހަލަ ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.