ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ގެއްލިއްޖެ އެވެ.

ދެ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައި ވަނީ، ދެ ބޭފުޅުންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް، އެއީ ރަނގަޅު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމުމާ ގުޅިގެންނެވެ.

ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގަ އެވެ.

އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ އިރު، ނަޝީދު 13 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައި ވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ އިއްޔެ އެވެ.

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށް ނާޒިމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އެ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އެއްވެސް އަސާސެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މިދިޔަ އާދީއްތަ ދުވަހު އެވެ.

ޝަރީއަތުގެ އެންމެ މަތީ މަރުހަލާ އިން ދެ ބޭފުޅުން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ރަނގަޅު ކަމަށް ނިންމުމުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ވަނީ ގެއްލިފަ އެވެ.

އެއީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރުވެފައިވާ ނަމަ އެވެ. ހުކުމަށް ކަނޑައެޅި އަދަބު މައާފުކޮށް ތިން އަހަރު ވެފައިވާ ނަމަވެސް އިންތިހާބުގައި ވާދަކުރެވިދާނެ އެވެ.

"ގާނޫނު އަސާސީގެ 109 ވަނަ މައްދާގެ (ޅ): ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން"

ނަމަވެސް 2018 ވަނަ އަހަރުގެ އިންތިހާބު އަންނަން ވާއިރަށް ނާޒިމް އަދި ނަޝީދުގެ ހުކުމް ތަންފީޒުކޮށް ނުނިމޭނެ އެވެ. އަދި އެ ހުކުމް މައާފުވި ނަމަވެސް ގާނޫނުގައި ބުނާ މުއްދަތު ދެން ހަމަ އެއް ނުކުރެވޭނެ އެވެ.