ރޭގަނޑު ހޭލާ ހުރުމަށާއި ދުވާލު ގަޑީގައި ނިދި ފިލުވާލުމަށް އަޅުގަނޑުމެން އާއްމުކޮށް ބޭނުން ކުރަނީ ކޮފީ ނުވަތަ ކެފެއިން ގިނައިން އެކުލެވިގެންވާ ބުއިންތަކާއި ކާނާ އެވެ. ކޮފީ ބޭނުން ކުރަން ބޭނުން ނުވާ ފަރާތްތަކުން ނުވަތަ ކޮފީ ބޯ މިންވަރު މަދު ކުރަން ބޭނުންވާ ފަރާތްތަކުން ދުވާލު ގަޑީގައި ނިދި ފިލުވާލާ ގައިގައި ވަރުޖައްސާލުމަށް ކޮފީގެ ބަދަލުގައި ބޭނުން ކުރެވިދާނެ ސިއްހަތަށް ފައިދާ ހުރި ބުއިންތަކާއި ކާނާތަކުގެ ތެރޭގައި:

ފެން

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީ މީހާ ވަރުބަލިވުމަށާއި ކަންނެތްވުމަށް މެދުވެރިވާ ސަބަބެކެވެ. ވީމާ ހޭލާ ހުރުމަށްޓަކައި ގިނައިން ފެން ބުއިމުކީ މުހިއްމު ކަމެކެވެ.

ގްރީން ޓީ

ކެފެއިން ބޭނުން ކުރުން އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި ކެފެއިން ބޭނުން ކުރާ މިންވަރު މަދު ކުރަން ބޭނުން ނަމަ ގްރީން ޓީ ބޯން ފަށާށެވެ. ގްރީން ޓީގައިވެސް ކެފެއިން އެކުލެވިގެންވެ އެވެ. ނަމަވެސް އެއްޖޯޑު ކޮފީގައި 100-150 މިލިގްރާމް ކެފެއިން އެކުލެވިގެންވާ އިރު އެއް ޖޯޑު ގްރީން ޓީގައި ހުންނަނީ ގާތްގަނޑަކަށް 25 މިލިގްރާމް ކެފެއިންނެވެ. ވީމާ ގްރީންޓީ އަކީވެސް މީހާ ހޭލާ ހުރުމަށް އެހީތެރިވެދޭނެ ބުއިމެކެވެ.

ނޯޓް: އެކި ބާވަތްތަކުގެ ގްރީން ޓީގައި ކެފެއިން އެކުލެވިގެންވާ މިންވަރު ތަފާތު ވާނެ އެވެ.

ހޯލް ގްރެއިންސް

ބްރައުން ރައިސް، އޯޓްސް އަދި ބާރުލީ ފަދަ ހޯލް ގްރެއިން އިން ތައްޔާރުކޮށްފައިވާ ކާނާއިން ކާބޯހައިޑްރޭޓުސް ގިނަ އަދަދަކަށް ލިއްބައިދެ އެވެ. އަދި ކާބޯހައިޑްރޭޓްސް އިން ހަށިގަނޑަށް ލިބޭ ހަކަތައިގެ ސަބަބުން މީހާ "އެލާޓް"ވެ ހުރުމަށް އެހީތެރިވެދެ އެވެ.

މޭވާ

މޭވާ އިން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީހާއަށް ހަކަތަ ލިއްބައިދެ އެވެ. އޮރެންޖާއި އަލަނާސި ފަދަ ވިޓަމިން ސީ އެކުލެވިގެންވާ ކާނާއިން ސަރުބީ ވިރުވައިގެން ހަށިގަނޑަށް ހަކަތަ ފޯރުކޮށްދެ އެވެ. އެހެންކަމުން މޭވާ އިން ވެސް ދުވާލު ގަޑީގައި މީހާ ވަރުބަލިވުމުން ދުރުކޮށްދީ، ގައިގައި ވަރު ޖައްސައިދޭނެ އެވެ.

މައުލޫމާތު: ސްޓެތްނިއުސް