19 May 2011, 14:29
ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކު ޖިންސީ ހާނީއްކަ ކުރި ކަމަށް ބުނާ ސިކުނޑީގައި އުނިކަމެއް ހުރި، ހަށިގަނޑު ވެސް ވަރަށް ނިކަމެތި އަންހެނަކު ބަނޑުބޮޑުވެ، ހާލު ދެރަވުމާ ގުޅިގެން އައިޖީއެމްއެޗްގައި އެޑްމިޓްކުރުމަށް ފަހު ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގައިފި އެވެ.
އާއިލާ ނުރުހޭތީ އައިޖީއެމްއެޗް އިން އެ އަންހެންމީހާގެ އެއްވެސް ތަފްސީލެއް ނުދެ އެވެ. ނަމަވެސް ދެ މައިންގެ ހާލު ވެސް ރަނގަޅު ކަމަށް ވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ހަނިމާދޫގައި ދިރިއުޅޭ ފަގީރު އާއިލާއަކަށް ނިސްބަތްވާ އެ އަންހެން މީހާއަށް 29 އަހަރެވެ. އުފަންވުމުގައި ވެސް އޭނާގެ ސިކުނޑީގައި އުނިކަމެއް ހުރެ އެވެ. އަދި ހަށިގަނޑުވެސް ވަރަށް ނިކަމެއްޗެވެ.
އެ އަންހެންމީހާ ބަނޑުބޮޑުވީ މީގެ މަސްތަކެއް ކުރިން އޭނާއަށް ޖިންސީ ހާނީއްކަ ކުރި ކަމަށް ތުހުމަތުކުރެވޭ މުސްކުޅި ފިރިހެނެއްގެ ދަރިއަކަށް ކަމަށް ބުނެ، މުޅި އެ ރަށު ތެރެއަށް ވަނީ އަޑުފެތުރިފަ އެވެ.
ހަނިމާދޫ ކައުންސިލް އިދާރާއިން މައުލޫމާތު ދިން ފަރާތަކުން ނަން ނުޖެހުމަށް އެދި ވިދާޅުވީ، އެ އަންހެންމީހާއަށް ޖިންސީ ހާނީއްކަ ކުރި މުސްކުޅި ފިރިހެނެއްގެ ދަރިއަކަށް ބަލިވެ އިން ކަމުގެ ހަބަރު ރަށު ތެރެއަށް ފެތުރުނީ މިދިޔަ މާޗު މަހު ތެރޭގައި ކަމަށެވެ.
"އޭނަ އަށް ބުނަން ނޭނގޭ އުނދަގޫތަކެއް ވާތީ ގެންދިޔައީ ކުޅުދުއްފުށީ ހޮސްޕިޓަލަށް. އެތަނުގައި ޔަގީންވީ އޭނަ ބަނޑު ބޮޑުކަން. އެއީ މާޗު މަސް ހިސާބުގައި. އޭރުގައި ބުނާ ގޮތުން ކަމަށްވަންޏާ ބަނޑަށް ފަސް މަސް ފުރިހަމަހާ ހިސާބަށް ގޮސްފި. އޭގެ ކުރިއަކުން ނޭނގޭ. އެކުއްޖާއަކީ ވާހަކަދައްކާ ކުއްޖެއް ވެސް ނުވޭ. އަނެއްހެން ހިނގާލާ ތަންތަނަށް ގޮސް އުޅޭނެ. އެކަމަކު އެކަމަކު ނުކުޅެދުންތެރިކަން ވަރަށް ބޮޑު ކުއްޖެއް އެއީ. އޭނައަކަށް ނޭގޭނެ މީހަކު ކަމެއް ކުރިއަސް ކަމެއް ކުރިކަން ސީދާ ބުނާކަށް،" އޭނާ ވިދާޅުވި އެވެ.
އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ވަރަށް މުސްކުޅި ފިރިހެނެއް ކަމަށާއި ތަހުގީގު ނިމުމަށްފަހު އޭނާ އަނެއްކާވެސް ދިރިއުޅެމުންދަނީ ރަށުގައި ކަމަށް ވެސް ބުންޏެވެ.
"ރަށު ޕޮލިސް ސްޓޭޝަނުން މައްސަލަ ބަލައިފަ ކުޅުދުއްފުއްޓަށް ވެސް އެމީހާ ގެންދިޔަ. ވަރަށް މުސްކުޅި ފިރިހެނެއް. ހަތްދިހަ އަށް ވުރެ މަތިވާނެހެން ހީވަނީ. އެކަމަކު ފަހުން އެމީހާ ފުލުހުން ދޫކޮށްލީ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންނަށް ސުވާލު ދެންނެވުމުން މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ، ހަނިމާދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލައެއްގައި މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އުމުރުން 81 އަހަރުގެ މީހަކު ހައްޔަރުކުރި ކަމަށެވެ. އަދި ޖެހިގެން އައި މަހުގެ 10 އެއް ހިސާބުގައި އޭނާ ވަނީ ތަހުގީގު ފުރިހަމަވެފައިވާތީ ފުލުހުންގެ ބެލުމުގެ ދަށުން ވީއްލިފަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން، ޑޮކްޓަރުގެ ރިޕޯޓާ އެހެނިހެން ލިޔެކިޔުންތަކެއް ހަމަކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަރަށް އަވަހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ޝިޔާމް ވިދާޅުވި އެވެ.
ނަމަވެސް، އައިޖީއެމްއެޗްގައި ސިޒޭރިއަން ހެދި އެ އަންހެން މީހާއަކީ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މުސްކުޅި ފިރިހެންމީހާ އަނިޔާކުރި އަންހެން މީހާ ކަމެއް ފުލުހުން ނުބުނެ އެވެ.
އައިޖީއެމްއެޗްގައި ޖިންސީ ހާނިއްކަ ލިބުނު ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ދަރިއެއް ލިބުނުތޯ ސުވާލުކުރުމުން ޖެންޑާގެ އޮފިޝަލަކު ވިދާޅުވީ، "ތިކަހަލަ" މައްސަލަ އެއް އެބަ އުޅޭ ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓްކުރީ ހދ. އަތޮޅުގައި ހުންނަ ފެމިލީ އެންޑް ޗިލްރަން ސެންޓަރަށް ކަމަށާއި އިތުރު ތަފްސީލު ދެވެން ނެތް ކަމުގައި އޮފިޝަލް ވިދާޅުވި އެވެ.
މާލެއާއި ރާއްޖެ ތެރޭގައި ޖިންސީ ހާނީއްކަ ކުރުމުގެ މައްސަލަތައް ރިޕޯޓްކުރެވޭ ގޮތް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.