14:30


ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ މިސްކިތަކަށް ހަނގުރާމަވެރިން ދިން ބޮމުގެ ދެހަމަލާއެއްގައި 32 މީހުން މަރުވެ 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.


މައުލޫމާތު ލިބޭ ގޮތުގައި މިހަމަލާ އަމާޒުކޮށްފައިވަނީ އެވަގުތު އެމިސްކިތުގައި ދަރުސެއް ދެއްވަމުން ގެންދެވި އައްޝަބާބު ޖަމާއަތުގެ ވެރިޔާ ފުއާދު މުހައްމަދު ޚަލީފް އަށެވެ. ނަމަވެސް މިހަމަލާގެ ފަހަތުގައި ވަނީ ސީދާ ކޮން ބައެއްކަން އަދި ހޯދިފައެއްނުވެ އެވެ.


މިކަމާ ގުޅިގެން އެގައުމުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުންދާ އައްޝަބާބު ޖަމާއަތުގެ އޮފިޝަލަކު ބުނެފައިވަނީ ހަމަލާ ދިން ސަރަހައްދަކީ އެޖަމާއަތުގެ ގިނަ ބަޔަކު އައިސް ގޮސްއުޅޭ ސަރަހައްދެއް ކަމަށާއި މަރުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އެމިސްކިތަށް އަޅުކަން ކުރަން ގޮސް ތިބި މީހުން ކަމަށެވެ. އަދި މިހަމަލާގައި ޒަޚަމްވެވަޑައިގަތުމުގެ ސަބަބުން އެޖަމާއަތުގެ ވެރިޔާ ފުއާދު މުހައްމަދު ޚަލީފް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.


މިހަމަލާ އަމާޒުކުރެވިފައިވާ އައްޝަބާބު ޖަމާއަތަކީ ސޯމާލިއާގެ ސަރުކާރު ވައްޓާލުމަށް ޓަކައި އެގައުމުގައި ޓެރަރިސްޓް ހަމަލާތައް ރާވާ ޖަމާއަތެއް ކަމަށާއި އެއީ އަލްގައިދާއާ ގުޅުން ހުރި ޖަމާއަތެއް ކަމަށް އ.ދން ވަނީ މީގެ ކުރިން ތުހުމަތުކޮށްފަ އެވެ.