ބަޣުދާދު (ޖޫން 28): އިރާގުގެ ވެރިރަށް ބަޣުދާދު ކައިރީގައި ހުންނަ އަބޫ ޣުރައިބު މިސްކިތަށް ޖާނުން ފިދާވުމުގެ ހަމަލާއެއްދީ 12 މީހަކު މަރާލައިފި އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެހަމަލާ ދީފައި ވަނީ ރޯދަ ވީއްލުމަށް ފަހު ނަމާދަށް ތައްޔާރުވަމުން ދަނިކޮށެވެ. އެހަމަލާގައި 32 މީހަކަށް އަނިޔާވެފައިވާ އިރު މަރުވި މީހުންގެ އަދަދު 14 އަށް އަރާ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ގޮވާތަކެތި ހަރުކޮށްފައިވާ ވެސްޓެއް ލައިގެން ހުރި މީހަކު ދިން އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.

އެހަމަލާ އަކީ އިރާގުގެ އަސްކަރިއްޔާއިން އައިއެސްގެ އަތްދަށުން ފައްލޫޖާ މިނިވަން ކުރި ފަހުން ބަޣުދާދު ކައިރީގައި ދިން ފުރަތަމަ ހަމަލާ އެވެ. ޖެނުއަރީ 2014 ވަނަ އަހަރުން ފެށިގެން އައިއެސްގެ ބާރުގެ ދަށުގައި އޮތް ފައްލޫޖާ އިން އެޖަމާއަތުގެ ހަނގުރާމަވެރިން ފޮނުވާލާފައިވާ ކަން އިރާގު އަސްކަރިއްޔާއިން އިއުލާންކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. (އަލްޖަޒީރާ)