28 Jun 2016, 13:23
ބްރަސަލްސް (ޖޫން 28) : އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާ އެކު އެ އިއްތިޙާދުގެ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ބޭނުން ނުކުރެވޭނެ ކަމަށް އެއިއްތިޙާދުން ބުނެފި އެވެ.
ޔޫރަޕިޔަން ޕާލަމެންޓްގެ ދަސްތޫރީ ކަންކަމާ ބެހޭ ކޮމިޓީގެ ވެރިޔާ ޑެންޓާ ހުވައިނަރ ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދުގެ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ހިމެނީ އެއިއްތިޙާދުގެ މެންބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމުން ކަމުގަ އެވެ. ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސި ރައްޔިތުންވަނީ އެކަމާ ގުޅިގެން ނެގި ފެންނަ ނުފެންނަވޯޓަކުން ނިންމައިފަ އެވެ.
މިއާ އެކު ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސި ދައުލަތުން ކުރަން ޖެހޭ ގާނޫނީ އަދި އިދާރީ ކަންކަން ކުރުމުގައި އެހީތެރިވެ ދިނުމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވް އަށް ގޮވާލައްވާފައެވެ.

ޑެންޓާ ހުވައިނަރ
ޔޫރަޕްގެ އިއްތިޙާދުގެ މުއައްސަސާތަކުގައި ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސިބަސް މިހާރު ބޭނުންކުރަމުން ގެންދިޔަ ނަމަވެސް އެއިއްތިޙާދުގެ މައިގަނޑު ބަހަކީ ފަރަންސޭސި ބަހެވެ. އަދި މުޅި ޔޫރަޕަށް ބަލާއިރު އިނގިރޭސި ބަހަށް ވުރެ ބާރުގަދައީ ފަރަންސޭސި ބަހާއި ޖަރުމަނު ބަހެވެ. ނަމަވެސް އިނގިރޭސިބަހާއި ފަރަންސޭސިބަހާއި ޖަރުމަނު ބަހުގެ އިތުރުން ސްވިޑްން ބަހާއި ފިންލެންޑް ބަހާއި އޮސްޓްރިޔާގެ ބަސް ވެސް ޔޫރަޕްގެ އިއްތިޙާދުގެ މުއައްސަސާތަކުގައި ފުޅާދާއިރާއެއްގައި މިހާރު ބޭނުން ކުރެ އެވެ.
ޔޫރަޕްގެ އިއްތިޙާދުގެ މުއައްސަސާތަކުގައި ރަސްމީ ބަސްތަކުގެ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި ވާހަކަދައްކާ 24 ބަސް މިހާރު ބޭނުން ކުރަމުން ގެންދެއެވެ. އެހެންކަމުން ޔޫރަޕްގެ އިއްތިޙާދުގެ ރަސްމީ ލިޔުންތައް 24 ބަހަށް ތަރްޖަމާ ކުރަންޖެހެއެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާއެކު އެއިއްތިޙާދުގެ ލިޔެކިޔުންތައް އިނގިރޭސިވިލާތުން ބޭނުންކުރަންޖެހިއްޖެ ނަމަ އެލިޔުންތައް އިނގިރޭސިބަހަށް ތަރްޖަމާ ކުރަންޖެހޭނީ އިނގިރޭސި ސަރުކާރުން އަމިއްލައަށް ކަމަށް ޔޫރަޕިޔަން ޕާލަމެންޓްގެ ދަސްތޫރީ ކަންކަމާބެހޭ ކޮމިޓީގެ ވެރިޔާ ޑެނުޓާ ހުވައިނަރު ވިދާޅުވި އެވެ. (ރޮއިޓާސް)