މަދިރީގެ ޒަރީޔާއިން ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށްވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިއަހަރު މިހާތަނަށް ވަނީ ޑެންގީ ޖެހިގެން ތިން މީހަކު މަރުވެފަ އެވެ. އެންމެ ފަހުން އެބަލީގައިމަރުވި މީހާ މަރުވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މިއަދު "ސަން"އަށް ވިދާޅުވީ ޑެންގީ ޖެހިގެން ސީރިއަސް ކޭސް އެއް މިވަގުތު ރާއްޖޭގައި ނެތްއިރު ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު ވެސް ދަށްވަމުން އަންނަ ކަމަށެވެ. އެގޮތުން މީގެ ދެ ހަފްތާކުރިން ޑެންގީ ޖެހިގެން 85 މީހެއް ރިޕޯޓްކޮށްފައިވާ އިރު ނިމިދިޔަ ހަފްތާގައި ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 46 ކޭސް ކަމަށެވެ.

"ޕީކް އިރު އެންމެ މަތި އިރު] 100 އަށް ވުރެ މަތީގައި ކޭސްތައް ރިޕޯޓްކުރޭ، އެހެންވީމާ އިރާދަކުރެއްވިއްޔާ މިދަނީ ދަށްވަމުން." ތަސްލީމާ ވިދާޅުވި އެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ޓަކައި މަދިރި މަދުކުރަން ޖެހެ އެވެ. މަދިރި އާލާވާހަކަ ތަންތަން ނައްތާލަން ޖެހެ އެވެ.