ިޖެހި ޖެހިގެން ތިން ފައިނަލުން ލިބުނު ނާކާމިޔާބީއާ އެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ނިންމުން ބަދަލުކުރުމަށް އެ ގައުމުގެ ފުޓްބޯޅާ ލެޖެންޑް ޑިއެގޯ މެރޮޑޯނާ ގޮވާލައިފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ މެސީ އަށް ގައުމީ ޓީމާ އެކު މާގިނަ ކާމިޔާބީތަކެއް ހޯދިފައިނުވާ އިރު އޭނާގެ ކެޕްޓަން ކަމުގައި އާޖެންޓީނާ ވަނީ ހަތަރު ފަހަރު ނާކާމިޔާބީއާ ކުރިމަތި ލާން ޖެހިފަ އެވެ. އިއްޔެ ނިމުނު ކޮޕާ އެމެރިކާ ފައިނަލްގައި މެސީ އަތުން ނާކާމިޔާބުވި ޕެނަލްޓީއާ އެކު އެ މުބާރާތުގެ ފައިނަލުން ބަލިވުމުގެ އިތުރުން 2007 ވަނަ އަރާއި މި ދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުން ވެސް މެސީ އަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާ އެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގަ ވެސް މެސީ އަށް ވަނީ އާޖެންޓީނާއާ އެކު ކާމިޔާބުހޯދޭގޮތް ނުވެފަ އެވެ.

އާޖެންޓީނާއާ އެކު އޭނާ އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2005 ވަނަ އަހަރުގެ ޔޫތު ވޯލްޑް ކަޕް ކާމިޔާބުކުރުމާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދުމެވެ.

"މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭ ބުނާ މީހުން އެކަން ދަނީ ވަރަށް ރަނގަޅަށް ކުރަމުން. އެ ބައިމީހުންގެ ސަބަބުން އާޖެންޓީނާގެ ފުޓްބޯޅަ އަށް ކާރިސާއެއް އަޔަދީގެން ނުވާނެ. މެސީގެ ނިމްމުން ބަދަލު ކޮށް އާޖެންޓީނާގެ ފުޓްބޯޅަ އެބަ ޖެހޭ ކާމިޔާބީގެ އައްސޭރި އަކަށް ބަނދަރު ކުރަން." މެރޮޑޯނާ ބުންޏެވެ.

އާޖެންޓީނާގެ ކޯޗުކަން 2008 ފެށިގެން 2010 އާއި ހަމައަށް ކުރި މެރޮޑޯނާ ބުނީ މޭސީ އާއި އާޖެންޓީނާގެ ވާދަވެރިން އަބަދު ވެސް ބޭނުން ބާނީ އޭނާ ގައުމީ ޓީމަށް ކުޅެން ހުއްޓާލުން ކަމަށާއި ނަމަވެސް މި ވަގުތަކީ އެ ގައުމުގެ ހިތްވަރު އެލުވިފައިވާ ސަޕޯޓަރުން ނަށް އިތުރު ހިތްދަތި ކަމެއް ދޭން ޖެހޭ ވަގުތު ނޫން ކަމަށެވެ.

"މިއީ މެސީގެ އެހީތެރިކަން އާޖެންޓީނާ އަށް ވަރަށް މުހިންމު ވަގުތެއް. ކުރިއަށް އޮތް ވޯލްޑް ކަޕަށް އާޖެންޓީނާ އިން އިތުރު ހިތްވަރަކާ އެކު ކުރިމަތިލާންވީ ވަގުތު. މެސީ އެބަ ޖެހޭ އަލުން އަނބުރާ އެތަށި އާޖެންޓީނާ އަށް ގެނައިސް އޭނާ އަކީ ގައުމީ ޓީމާއި އެކު ވެސް ކާމިޔާބް ހޯދޭނެ މީހެއް ކަން ވާދަވެރިންނަށް ދައްކާލަން،" މެރޮޑޯނާ ބުންޏެވެ.