ރާއްޖޭގައި ހިންގާ ގެންސްޓްހައުސް ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، އަގު ބޮޑު ރިސޯޓުތަކެކޭ އެއް މިންވަރަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނެގުމަށް ގާނޫނު ބަދަލުކުރުމަކީ ޅަފަތުގައި އޮތް ގެސްޓް ހައުސްގެ ފިޔަފާރިތައް ހީނަރުވެ، ހަލާކުވެގެންދާނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީ ސަރުކާރުން ގެސްޓް ހައުސްގެ ސިޔާސަތު ތައާރަފުކޮށް އެ ވިޔަފާރި ފުޅާކޮށް ކުރިއަރުވަމުން ގެންގޮސްފައި ވަނީ އެއީ އާދައިގެ އާންމު ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ، ރައްޔިތުންނަށް ފައިދާއާއި މަންފާލިބޭ، އަދި ރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ރަށްތައް ތަރައްގީ ވާނޭ ވިޔަފާރިއަކަށް ވާތީ ކަމަށެވެ.

ނަމަވެސް މިއަދުގެ ސަރުކާރުން ގާނޫނަށް ގެންނަން މަސައްކަތް ކުރާ ބަދަލުގެ ސަބަބުން އެ ވިޔަފާރިއަށް ނުހަނު ބޮޑެތި ގެއްލުން ވާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

ނިހާނު ހުށަހެޅުއްވި އިސްލާހުގައި ވަނީ ގެސްޓްހައުސްތަކުގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، ބޮލަކަށް ހަ ޑޮލަރުގެ ގްރީން ޓެކްސްއެއް ނެގުމަށެވެ. އަދި އެ އިސްލާހު ގާނޫނަކަށް ވެގެން އަންނަ ދުވަހުން ފެށިގެން ޓެކްސް ނަގަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެ އިސްލާހު ދިރާސާ ކުރަމުންދާ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ވަނީ ހަ ޑޮލަރުގެ ބަދަލުގައި ގްރީން ޓެކްސް، ހަތަރު ޑޮލަރަށް ތިރިކުރަން ނިންމާފަ އެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެ ޓެކްސް ނަގަން ވަނީ ނިންމާފަ އެވެ.

އެމްޑީޕީ އިން ބުނީ ގްރީން ޓެކްސް ނަގާއިރު ދެފުށް ފެންނަގޮތަށް އެފައިސާ ތިމާވެއްޓާ ބެހޭ ކަންކަމަށް ޖަމާކޮށް ހޭދަކުރާނޭ އުސޫލެއް ކަނޑައެޅިފައި ނުވާކަމަށާއި، އަދި މިހާތަނަށް ވެސް ގްރީން ޓެކްސްގެ ނަމުގައި ނެގޭ ޓެކްސް، ތިމާވެއްޓަށް ހޭދަކޮށްފައިވާކަން އެނގެން ނެތްކަމަށެވެ.

އެމްޑީޕީގެ އިތުރުން ގްރީން ޓެކްސް ނަގަން ފަށައިފިނަމަ ގެސްޓްހައުސް އިންޑަސްޓްރީ ހުއްޓުމަކަށް އަންނާނެ ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ވެސް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރިކަމަށް ރަށްތައް ދޫކުރެވޭ އިސްލާހާ ގުޅިގެންވެސް އެމްޑީޕީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީ އިން ބުނީ އެއީ ދެ ފުށް ފެންނަ ގޮތް ނޫން ކަމަށާއި އެގޮތަށް ގާނޫނަށް އިސްލާހު ގެނެވިއްޖެ ނަމަ ކޮރަޕްޝަނުގެ ތެރެއިން ނުއަގުގައި ރަށްތަކާއި ފަޅުތައް ކުށްޔަށް ދިނުމަށް ގާނޫނު މެދުވެރިކޮށް މަގުފަހިވެގެންދާނެ ކަމަށެވެ.